ޚަބަރު

ނ.އަތޮޅުގެ 3 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި


  • ޚިދުމަތް ފެށީ މާފަރު، މިލަދޫ އަދި މާޅެންދޫގައި

ނ. މާފަރު ހިމެނޭހެން އެ އަތޮޅުގެ 3 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

މި ރަށްތަކުގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ނ. އަތޮޅުން ލެބޯޓްރީގެ ޚިދުމަތް ޤާއިމްކޮށްފައިވަނީ މާފަރު، މިލަދޫ، އަދި މާޅެންދޫގައެވެ.

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓްރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ކައިރިން ބޮޑު ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް އައުންވަނީ މަޖުބޫރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

މާފަރު ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީއެއް ޤާއިމްކުރުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.

ވަޒީރު ވިދާޅުވީ، މާފަރުގައި ކުރިން ލެބޯޓްރީގެ ޚިދުމަތް ދިނީ، މޯބައިލް ލެބޯޓްރީގެ ގޮތުގައި ސާމްޕަލް ކަލެކްޓްކޮށް އަތޮޅު ހޮސްޕިޓަލަށް ފޮނުވައިގެން ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބައެއް ފަހަރު ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޚިދުމަތް އެންމެ ރަނގަޅު ގޮތުގައި ދިނުމަށް ރައްޔިތުންނަށް އޮތް ގޮންޖެހުން ޙައްލު ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން އެކުލަވާލެއްވި އެންމެ މުހިންމު ޞިއްޙި ސިޔާސަތަކީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ލެބޯޓްރީގެ ޚިދުމަތް ޤާއިމްކޮށްފައި ނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މިއަދު މާފަރުގެ ލެބޯޓްރީގެ ޚިދުމަތް މިއީ މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެން މި ކުރާ މަސައްކަތަށް އިތުރުވެގެން ދިޔަ ބޮޅެއް. އެގިވަޑައިގަންނަވާނެ ފަދައިން ޞިއްޙީ ޚިދުމަތް ދިނުމުގައި ލެބޯޓްރީގެ ޚިދުމަތަކީ ވަރަށްވެސް މުހިންމު އަސާސީ ޚިދުމަތެއް. އެ ޚިދުމަތެއް ރަނގަޅު ގޮތުގައި ދިނުމުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެންދާނެ " ވަޒީރު ވިދާޅުވިއެވެ.

ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މިޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.