ޚަބަރު

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހަތިޔާރު އެޅި 145 މީހުން މަރާލައިފި


ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ 145 މީހުން މަރައިލައިފިއެެވެ. ޕާކިސްތާނުގެ ފައުޖުތަކުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައި ވަނީ، ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު ދިން ޙަމަލާތަކަކާ ގުޅިގެންނެވެ. 40 ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނުގައި ހަތިޔާރު އެޅި ޖަމާޢަތަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ވެސް ސަލާމަތީ ބާރުތަކުން ބުންޏެވެ.

ސަލާމަތީ ބާރުތަކާއި ހަތިޔާރު އެޅި ޖަމާޢަތުގެ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައި ވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނު ބަލޯޗިސްތާނުގައެވެ. އެއީ، އީރާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދުގައި އޮތް ޕާކިސްތާނުގެ އެންމެ ބޮޑު ޕުރޮވިންސެވެ. އެ ސަރަޙައްދުގައި ބަލޯޗިސްތާނުގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޖަމާޢަތް، ބަލޯޗް ލިބެރޭޝަން އާމީން ދިން ޙަމަލާތަކުގައި 50ށްވުރެ ގިނަ މީހުން މަރުވި ކަމުގައި، އެ ސަރަޙައްދުގެ ޗީފް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރުގެ ނައިބު ޠަލާލް ޗޯދްރީ ވިދާޅުވީ، ބީއެލްއޭގެ ހަނގުރާމަވެރިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި އިމާރާތްތަކަށް ކަމުގައެވެ. ޙަމަލާތައް އަމާޒު ކޮށްފައިވާ އިމާރާތްތަކުގެ ތެރޭގައި ހަސްފަތާލުތަކާއި، މަދަރުސާތަކާއި، ބޭންކުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޢާންމުން ޖަމާވެފައި ތިބި މާރުކޭޓުތައް ހިމެނެއެވެ. ހަތިޔާރު އެޅި މީހުން އެ ސަރަޙައްދުތަކަށް ވަދެފައި ވަނީ ޢާންމު ހެދުމުގައި، ޢާންމުންނަށް ހެދިގެންނެވެ.

ބީއެލްއޭގެ ޙަމަލާތަކާ ގުޅިގެން ޕާކިސްތާންގެ ސަލާމަތީ ބާރުތަކުން ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާއިރު، ބަލޯޗިސްތާންގެ ވެރިރަށް ކުވޭތާގައި ސަލާމަތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. ބަލޯޗިސްތާނުގެ ޗީފް މިނިސްޓަރު ސަރްފަރާޛް ބަޣުތީ ވިދާޅުވީ، ޙަމަލާތަކުގައި ސަލާމަތީ ބާރުގެ 17 މީހުންނާއި ޢާންމުންގެ 31 މީހުން މަރުވި ކަމުގައެވެ. ޙަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ޖަނަވަރީ 31ވަނަ ދުވަހު ހަނގުރާމަވެރިންގެ 92 މީހުން މަރައިލިއެވެ. އަދި، އެއާ ޖެހިގެން އައި ދުވަހު އިތުރު 41 މީހުން މަރައިލާފައިނެ ކަމުގައި ސަލާމަތީ ބާރުތަކުން ބުންޏެވެ.