ޚަބަރު

ޕްރެޒިޑެންޓްސް ކަޕުގެ ޕްލޭއޮފްގެ ގުރު ނަގައިފި


  • ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާނީ ޖުމްލަ ހަ ޓީމު

  • މުބާރާތް ކުރިއަށްދާނީ ހަ ޓީމު، ދެ ގުރޫޕަކަށް ބަހާލައިގެން

މި މަހު ފަށާ ދިވެހި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތްކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގެ ޕްލޭ އޮފް މެޗުތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ގުރުނެގުމުގެ ޙަފްލާގައި، ޤައުމީ ސީނިއަރ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗާއި، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ، އިސްޓަވާން އުރުބާނީ އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާނީ ޖުމްލަ ހަ ޓީމެވެ. އެއީ ދިވެހި ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލުގެ އެންމެ މަތިން ޕޮއިންޓު ހޯދި ހަ ޓީމެވެ.

އޭގެ ތެރެއިން ހަތަރު ޓީމަށް، ޕްލޭ އޮފް ނުކުޅެ، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނެއެވެ. ދެން އޮތް ހަތަރު ޓީމު ޖެހޭނީ ޕްލޭ އޮފްގެ މެޗުތަކެއް ކުޅޭށެވެ.

މުބާރާތް ކުރިއަށްދާނީ ހަ ޓީމު، ތިން ޓީމުގެ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނޭނީ ދިވެހި ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ޓީމާއި ހަތަރުވަނައިގައި އޮތް ޓީމުގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ. ގްރޫޕް ބީގައި ހިމެނޭނީ ލީގުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމު އަދި ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ.

ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ލީގުގެ ފަސްވަނަ ޓީމާއި އަށްވަނަ ޓީމެވެ. ދެވަނަ މެޗުގައި ކުޅޭނީ ހަވަނަ ޓީމާއި ހަތްވަނަ ޓީމެވެ.

ގުރު ނަގާފައިވަނީ ޕްލޭއޮފް މެޗުތަކުން ޓީމުތައް ދާނެ ގުރޫޕެއް ކަނޑައެޅުމަށެވެ.

ގުރުނަގައި ނިމިފައިވާއިރު ގްރޫޕް އޭއިން ފުރުސަތު ލިބެނީ ޕްލޭއޮފްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކަށެވެ. އަދި ގްރޫޕް ބީއިން ފުރުސަތު ލިބޭނީ ޕްލޭއޮފްގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށެވެ.

ލީގުގައި އަދި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު، ހުރިހާ ޓީމަކަށް އާދި ތާވަލުގެ ޖާގަތައް ކަށަވަރުވެފައެއް ނުވެއެވެ.

މިހާތަނަށް ތާވަލުގެ މަގާމުތައް ކަށަވަރުވެފައިވަނީ ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިފައިވާ ލީގު ޗެމްޕިއަން މާޒިޔާ، ދެވަނަ ހޯދި އޮޑި ސްޕޯޓްސް ކްލަބް، ތިންވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ކުޅެންޖެހޭ، ލީގު ތާވަލުގެ އަށްވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއެވެ.

ތާވަލުގައި ލިބޭނެ މަގާމު ކަށަވަރުނުވަނީ މިވަގުތު ފަސްވަނައިގައި އޮތް ކްލަބް އީގަލްސްއާއި ހަވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އިތުރުން ހަތްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށެވެ. މި ތިން ޓީމަށް ތާވަލުގައި ލިބޭ މަގާމު، ފަހު މެޗަށްފަހު ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ޕްލޭއޮފްގެ ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާނީ 10 ވަނަ ދުވަހުއެވެ.