އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަން ދެ ޤައުމުން ވެސް ކަށަވަރު ކޮށްދީފިއެވެ. މި ކަން ހާމަކޮށްފައި މި ވަނީ، އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ އަމުރަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޖަނަވަރީ 31ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ތަހްރާނުން ވަރަށް "ސީރިޔަސް ކަމާ އެކު" ވޮޝިންގްޓަނާ ވާހަކަ ދައްކަމުންދާ ކަމުގައެވެ. އަދި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޚިޔާލު އީރާނުން ދޫކޮށްލައި، އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ކަމަށް އީރާނުން އެއްބަސްވެދާނެ ކަމަށް އޭނާ ޤަބޫލުފުޅެއް ނުކުރައްވައެވެ. "ނަމަވެސް، އެ މީހުން [އީރާނުން] ދަނީ އަޅުގަނޑުމެންނާ ވާހަކަ ދައްކަމުން. ވަރަށް ސީރިޔަސް ކަމާ އެކު ވާހަކަ ދައްކަމުން،" ޓްރަމްޕް ތަކުރާރު ކުރެއްވިއެވެ.
އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ތަހްރާނުން ތައްޔާރުވަމުންދާ ކަން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ވެރިޔާ ޢަލީ ލަރިޖާނީ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. "މީޑިއާގައި ހަދައިގެން ފަތުރާ ހަނގުރާމައިގެ ވާހަކަތަކާ ޚިލާފަށް، މަޝްވަރާތަކުގެ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިއަށް،" ލަރިޖާނީ ވިދާޅުވިއެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފުސީލު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވައި، އެ ޤައުމު ކައިރިއަށް އެމެރިކާގެ އަސްކަރީ ބިޔަ ލަޝްކަރެއް ޖަމާކުރަން ފެށުމާ ގުޅިގެން ހޫނުވެފައިވާ މަސްރަޙު ފިނިކުރުމަށް ގަލްފާއި ވިލާތުގެ ބޮޑެތި ބާރުތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ތުރުކީވިލާތް، އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ހިމެނެއެވެ.
މަސްރަޙު ފިނިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ދާދި ފަހުން ވަނީ ތަހްރާނަށް ވަޑައިގަންނަވާފައެވެ. ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ބުނީ، ޝައިޚް މުޙައްމަދުގެ ދަތުރުފުޅުގައި ލަރިޖާނީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. އަދި، މަސްރަޙު ފިނިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޤަޠަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމުގައެވެ. ޤަޠަރުގެ އަމާޒަކީ ސުލްޙަވެރި ހައްލެއް ހޯދުމަށް އެހީތެރިވެދީ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުން ކަމުގައި ޝައިޚް މުޙައްމަދު ވިދާޅުވެފައިވާ ކަމުގައި ވެސް ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.