ސްޕެނިޝް ލަލީގާގައި އޮސަސޫނާއިން ވިޔަރެއާލް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވިޔަރެއާލުންނެވެ. ހާފުގެ 17 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯއެވެ. އޭގެ ތިން މިނެޓުފަހުން އޮސަސޫނާއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަރ މުނިއޯޒްއެވެ.
މި ހާފު ނިމުމުގެ ކުރިން އޮސަސޫނާއިން ވަނީ ދެވަނަ ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުޑިމީރެވެ. ލީޑުގައި އޮވެ އޮސަސޫނާއިން ދެވަނަ ހާފު ފެށި ނަމަވެސް، މި ހާފުގެ 70 ވަނަ މިނެޓުގައި ވިޔަރެއާލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ، ފުރަތަމަ ލަނޑުވެސް ޖަހައިދިން މޮރޭނޯއެވެ.
މި ނަތީޖާއާއެކު ލީގު ތާވަލުގައި ވިޔަރެއާލް އޮތީ 21 މެޗުން 42 ޕޮއިންޓު ހޯދައިގެން ހަތަރުވަނައިގައެވެ. އޮސަސޫނާ ތާވަލުގެ ނުވަ ވަނައިގައި އޮތީ 22 މެޗުން 26 ޕޮއިންޓާއެކުއެވެ.