ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 3 އިން، މުބާރާތުގެ ގަދަ 16 ގެ ޖާގަތައް ބ. އޭދަފުއްޓާއި ކ. ގާފަރުން ހޯދައިފިއެވެ.
ހުކުރު ދުވަހުގެރޭ، މި ޒޯނުން އޭދަފުއްޓާއި ގާފަރު ބައްދަލުކުރިއިރު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ގާފަރުގެ ލަނޑު ޖަހައިދިނީ ސާމިން މުޙައްމަދު ނަސީރެވެ. މެޗުގައި އޭދަފުށީގެ ލަނޑު ޖަހައިދިނީ އިސްމާޢީލް ޝަރީފެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ ސާމިން އެވެ.
މި ދެ ޓީމު އެއްވަރުވުމާއެކު މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުނު ޅ. ކުރެންދޫއިން ވަނީ ފަހު މެޗުގައި ކ. މާފުށީގެ މައްޗަށް 1-2 އިން ކުރިހޯދާފައެވެ.
މެޗުގައި މާފުށީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޙުސެއިން ރިފާނެވެ. ކުރެންދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުލް ވާހިދު އިބްރާޙީމާއި ޙުސެއިން ފާއިޒް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރެންދޫގެ ވާހިދެވެ.
ޒޯން ބުރުގައި މި ހަތަރު ޓީމު ނިސްބަތްވާ ޒޯން 3 ގެ ޕޮއިންޓު ތާވަލު އެތުރިފައިވާ ގޮތަށް ބަލާލާއިރު އެއްވަނައިގައި އޭދަފުށި އޮތީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ގާފަރު އޮތީ ފަސް ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ކުރެންދޫއަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އޮތް މާފުއްޓަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.