ޚަބަރު

ވިލާތުގެ އިއްތިޙާދާއި ވިއެޓްނާމްގެ ޚާރިޖީ ގުޅުން އެންމެ މަތީ ހަރުފަތަށް


މި ހަފްތާގެ ތެރޭގައި ވިލާތުގެ ކައުންސިލްގެ ރައީސް އެންޓޯނީޔޯ ކޮޝްޓަ ވިއެޓްނާމްއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ވިލާތުގެ އިއްތިޙާދާއި ވިއެޓްނާމާ ދެމެދު އޮންނަ ޚާރިޖީ ގުޅުން އެންމެ މަތީ ހަރުފަތަށް ބަދަހިކުރާނެ ކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ. ވިލާތުގެ އިއްތިޙާދުން މިހެން ބުނެފައި މި ވަނީ އެމެރިކާއިން ޤައުމުތަކަށް ބޮޑެތި ޓެރިފްތައް ކަނޑައަޅަމުންދާ މި ދަނޑިވަޅުގައި ވިލާތުގެ އިއްތިޙާދާއި ވިއެޓްނާމުން ބައިނަލްއަޤްވާމީ ވިޔަފާރީގެ ގުޅުންތައް ފުޅާކުރަމުންދާ ވަގުތެއްގައެވެ.

ވިލާތުގެ އިއްތިޙާދާއި ވިއެޓްނާމާ ދެމެދު އޮންނަ ގުޅުން އެންމެ މަތީ ހަރުފަތަށް ބަދަހިކުރުމުން ޗައިނާއާއި އެމެރިކާއާއި ރަޝިޔާއާއެކު ވިއެޓްނާމްގެ ގުޅުން އޮންނަ މިންވަރަށް ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވާނެއެވެ. ވިއެޓްނާމުން ގެންގުޅެނީ ހުރިހާ ބޮޑެތި ޤައުމުތަކާއެކު ވެސް ބަދަހި އަދި ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެކެވެ.

ދެ ޤައުމުގެ ދެމެދުގައި މި ފަދަ ގޮތަކަށް ގުޅުން ބަދަހި ކުރުމުން އުފެދޭ ގުޅުން ވެގެންދާނީ ބޮޑަށް ރަމްޒީ ގުޅުމެކެވެ. ދެ ޤައުމުގެ ދެމެދުގައި އެއްވެސް ޤާނޫނީ އެއްބަސްވުމެެއް ޤާއިމް ކުރުމެއް އޭގެ ތެރޭގައި ނުހިމެނޭނެއެވެ. އޭގެ ބަދަލުގައި ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ ބައްދަލުވުންތަކުގެ ޢަދަދު އިތުރުކުރާނެއެވެ. ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ސަބަބުން ދިރާސާކުރުމާއި ޓެކްނޮލޮޖީއާއި ހަކަތައާއި މިނަރަލްގެ ދާއިރާއިން ދެ ފަރާތުގެ ދެމެދުގައި އެއްބާރުލުން ދިނުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ވިއެޓްނާމަކީ ވިޔަފާރިއަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. ކަރަންޓު ސާމާނާއި އަންނައުނާއި ފައިވާނާއި ބޫޓުފަދަ ތަކެތީގެ ސަޕްލައި ޗޭނުގައި މުހިންމު ދައުރެއް އެ ޤައުމުން ޢަދާކުރެއެވެ. ވިލާތުގެ އިއްތިޙާދު ހިމެނޭ ގޮތަށް ގިނަ ޤައުމުތަކަކާއެކު އެ ޤައުމުން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކޮށްފައިވެއެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުން ވިއެޓްނާމުން ތަންފީޒުކުރަމުންދާ ގޮތާމެދު އެ އިއްތިޙާދުން ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރެއެވެ. 2020ވަނަ އަހަރު އެ އެއްބަސްވުން ޤާއިމްކުރި ފަހުން ވިއެޓްނާމުން ވިލާތުގެ އިއްތިޙާދަށް ވިއްކާފައިވާ މުދަލުގެ ޢަދަދު އެ އިއްތިޙާދުން ވިއެޓްނާމަށް ވިއްކާފައިވާ މުދަލުގެ ޢަދަދަށްވުރެ އެތައް ގުނައެއް އިތުރެވެ.