އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް، ޝިޢާއިންގެ އިއްތިޙާދުގެ ކެންޑިޑޭޓުގެ ގޮތުގައި، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ އެނބުރި ވެރިކަމަށް ވަޑައިގެންނެވުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.
އެ އިއްތިޙާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިއްތިޙާދުގެ ބޮޑުވަޒީރުގެ ކެންޑިޑޭޓުކަމަށް، އިސްލާމިކް ދަޢުވަތު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި މާލިކީ ކަނޑައަޅާފައިވާ ކަމަށެވެ.
މިހާރު ޢުމުރުފުޅުން 75 އަހަރުގެ މާލިކީ، އިރާޤުގެ ބޮޑުވަޒީރުގެ މަޤާމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 2006ވަނަ އަހަރުއެވެ. އެއީ އެމެރިކާއިން އިސްވެ، 2003ވަނަ އަހަރު އިރާޤަށް އަރައިގަނެ، ހަމަނުޖެހުމާއި ހަލަބޮލިކަން އިރާޤުގައި އިތުރުވެފައިވާ ދަނޑިވަޅެކެވެ.
މާލިކީ ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވީ، 2014ވަނަ އަހަރުގެ ތެރޭގައި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްގެ ހަނގުރާމަވެރިން، އިރާޤުގެ ގިނަ ސަރަޙައްދުތަކަށް އަތްގަދަ ކުރުމާ ގުޅިގެންނެވެ.
ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވިނަމަވެސް، މާލިކީ ގެންދަވަނީ އިރާޤުގެ ސިޔާސީ މައިދާނުގެ އިސް ސަފުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.
މާލިކީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ، ސައްދާމް ޙުސެއިންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ.
ސައްދާމްގެ ސަރުކާރުން ހައްޔަރުކޮށްފާނެކަމުގެ ބިރަށް، މާލިކީ ވަނީ ޤައުމުން ބޭރުގައި ގިނަ އަހަރުތަކެއް ހުންނަވައިގެން ސިޔާސީ މަސައްކަތް ކުރައްވައިފައެވެ.
މާލިކީ އެނބުރި އިރާޤަށް ވަޑައިގެންނެވީ، 2003ވަނަ އަހަރު އެމެރިކާއިން އިރާޤަށް އަރައި، ސައްދާމްގެ ވެރިކަން ވައްޓާލުމާ ގުޅިގެންނެވެ.