ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެރިންނަކީ ނަފްސާނީ އަދި ޖިސްމާނީގޮތުން ހަށިހެޔޮ ބަޔަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރުގެ ބައިވެރިން މިއަދު ޅ.މާފިލާފުށްޓަށް ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރުގެ ބައިވެރިން ތަމްރީނަށް ފުރާފައިވާކަމަށެވެ. އެގޮތުން 350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ދެވަނަ ބުރު ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހުގައި ފެށިގެން ދިއުމަކީވެސް ޚާއްޞަ އުފަލެއްކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމެ އިތުރުން ފީލްޑް އެކްޓިވިޓީތަކާއި ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް މި ތަމްރީނުގައި ކުރިއަށްގެންދެވޭކަމަށް ރައީސް ވިދާޅުވިއެވެ. މި ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ ޒުވާނުންތަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަޚުލާޤާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެކަމަށާއި އަދި، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް މި ޒުވާނުން ވެގެންދާނެކަަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަމްރީނުގެ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދެންވަޑައިގަންނަވާފައެވެ.
މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ 02 ވަނަ ބުރުގެ ބައިވެރިން މިއަދު ޅ.މާފިލާފުށްޓަށް ފުރައިފި.
— Dr Mohamed Muizzu (@MMuizzu) January 24, 2026
350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް… pic.twitter.com/SfndY0TLC6
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މިޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާ ޢިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 2 ވަނަ ބުރުގައި ފުރުސަތު ދީފައިވަނީ، މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލި ކުދިންގެ ތެރެއިން ނަންނޯޓު ކޮށްފައިވާ ތަރުތީބުން ނެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމަށް ކުރިމަތިލާފައިވާކަން ދިފާޢީ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ޕްރޮގްރާމްގެ ތަމްރީނުތަކަށް ބައިވެރިން ހޮވުމުގެ މަރުޙަލާގައި، ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓުތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓުތައްވެސް ހަދާފައިވެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ދަސްވެނިވި 344 ޒުވާނުންގެ ތެރެއިން ބައެއް ބައިވެރިން މިހާރު އަންނަނީ ބ.ކިހާދޫގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.