ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކުޅުނު ހަތަރުވަނަ މެޗުން ވެސް ބަލިވިނަމަވެސް، މެޗުގައި ކުޅުންތެރިންގެ ކުޅުމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާކަން ދައްކައިދީފިއެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރީ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 2-4 ގެ ނަތީޖާއަކުންނެވެ.
މީގެކުރިން ކުޅުނު ތިން މެޗާ އަޅާ ކިޔާއިރު، މި މެޗުގައި ރާއްޖެ ޓީމުން ވަރަށް ރޭވުންތެރިކަމާއެކު، ކުރިއަށް ޖެހިގެން އެޓޭކިން ގޭމެއް ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއިން ކުރިއަށް ޖެހިގެން ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލަމުން ދަނިކޮށް، މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ބޫޓާނުންނެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެމާ ކުއަންޒަން އެވެ.
އެހެންނަމަވެސް އޭގެ މާ ގިނައިރުތަކެއް ނުވެ، ރާއްޖޭގެ ރާނިޔާ އިބްރާހިމް ވަނީ ލަނޑެއް ޖަހައިދީ މެޗުގައި ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އެހެންނަމަވެސް އޭގެ ތިން މިނެޓެއްހާއިރު ފަހުން ޔެޝޭ ބީދާ ވަނީ ބޫޓާނަށް އަލުން ލީޑުނަގައިދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ބޫޓާނުން ދެވަނަ ހާފު ފެށިއިރު، މި ހާފުގެ ހަތްވަނަ މިނެޓުގައި ބޫޓާނުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ ނަމްގްޔެލް ޑޭމާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެފަހުން ޝެރިން ލާޑެން ވަނީ ބޫޓާނުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގައި ރާއްޖެއިން ޖެހި ދެވަނަ ލަނޑަކީ ކެޕްޓަން ފާތިމަތު ޝާލިޔާ ޖަހައިދިން ލަނޑެކެވެ.
މި މެޗުން 2-4 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ މި މުބާރާތުގައި ރާއްޖެއިން އެއް މެޗެއްގައި އެއް ލަނޑަށްވުރެ ގިނައިން ލަނޑުޖެހި ފުރަތަމަ މެޗެވެ. އަދި މިއީ ދެ ކުޅުންތެރިއަކު އެއް މެޗެއްގައި ލަނޑުޖެހި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން ވެސް، ޓީމެއްގެ ގޮތުގައި ކުޅުމުގައި ރާއްޖެއިން ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަން މި މެޗުން ފާހަގަވިއެވެ.
މި މެޗުން ރާއްޖެ އަތުން ހޯދި މޮޅާއެކު ބޫޓާން ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ބޫޓާނުން ވަނީ ހަތަރު މެޗުން ޖުމްލަ އަށް ޕޮއިންޓު ހޯދާފައެވެ. ބޫޓާނުގެ މަތިން ތާވަލުގެ ދެވަނައިގައި އޮތް އިންޑިއާ އަށް ނުވަ ޕޮއިންޓު ލިބިފައިވާއިރު އެއްވަނައިގައި ބަންގްލަދޭޝް އޮތީ 10 ޕޮއިންޓާއެކުއެވެ.
މެޗުން ބަލިވި ރާއްޖެއަށް ހަތަރު މެޗުން އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.