ޚަބަރު

ޕާކިސްތާނުގެ މައްޗަށް ނޭޕާލަށް ބޮޑު މޮޅެއް


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޕާކިސްތާނު އަތުން ފަސޭހަކާމައެކު ނޭޕާލް މޮޅުވެއްޖެއެވެ.

ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗުން ނޭޕާލް މޮޅުވީ 1-5 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ނޭޕާލުން ވަނީ ލަނޑެއްޖަހައި ލީޑުނަގާފައެވެ. ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަނީޝާ ތާޕާ މަގަރެވެ.

އަދި އޭގެ ހަ މިނެޓުފަހުން މަނީޝާ ވަނީ ނޭޕާލުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑުފުޅާކޮށްދީފައެވެ.

ނޭޕާލުން މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ޖެހީ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޯޝަނީ ބޮހާރާ ޗެތުރީއެވެ.

ދެވަނަ ހާފުގައި ޕާކިސްތާން ކުޅުންތެރިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި ޕާކިސްތާނުން ވަނީ ލަނޑެއް ޖަހާފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޒްވާ ޗޯދުރީއެވެ.

މި ހާފުގައި ނޭޕާލުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ދިޕާ ރާއީ އާއި ޖެނިފާ ރަނާއެވެ.

މި މޮޅާއެކު ނޭޕާލުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު އޮތީ ޕޮއިންޓު ތާވަލުގެ ހަތަރުވަނައިގައި 7 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޕާކިސްތާން ވެސް ހަތް ޕޮއިންޓު ހޯދާފައިވާއިރު ތާވަލުގެ ތިންވަނައިގައި އޮތީ ނޭޕާލަށް ވުރެ ފައިދާ ގޯލުން ކުރި ލިބޭތީއެވެ.