ޚަބަރު

ޑރ.ޢަލީ ލަތީފާއި ޑރ.އިކުލީލަށް ޓެކްސްއަށް މަކަރު ހެދުމުގެ ދަޢުވާކުރަން ހުށައަޅައިފި


  • ޑރ.ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް 3 ދަޢުވާއެއް ކުރަން ނިންމާފައިވޭ

  • ޑރ.އިކްލީލް ޝަރީފާއި ޢަލީ ފަޔާޟުގެ މައްޗަށް 5 ދަޢުވާކުރަން ވަނީ ނިންމާފައި

ކޮވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. ޢަލީ ޢަބްދުالله ލަތީފާއި، ޑރ. އިކްލީލު ޝަރީފުގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއްޖެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، މި ދެމީހުންގެ މަޞްލަޙަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ތަޙުޤީޤުކޮށް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ އޮފީހުން ދިރާސާ ކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ދަށުން، ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއަޅާފައިވާތީވެސް ދައުވާކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 2 ދަޢުވާ ކުރުމަށް ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާ އަދި ޑރ. އިކްލީލް ޝަރީފާއި، އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟުގެ މައްޗަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދަޢުވާ ކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލާގައި ދަޢުވާ ލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ ޢަދަދުތަކާއި، ކުންފުނިތަކުގެ އަސްލު ޢާމްދަނީއަށް ބަލައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހިސާބުކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު، މި ދެ ކުންފުނިން -/20،200،401ރ (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް ރުފިޔާ) ގެ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 93 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނައަށްވާ -/40،400،802ރ (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައަޅުއްވައި ދެއްވުމަށް ކޯޓުގައި އެދުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދަޢުވާ ކޮށްފައިވާނީ، ދަޢުވާ ލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލާފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޑރ. އިކްލީލް ޝަރީފަކީ، އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ޙިއްޞާދާރެކެވެ. އަދި ޑރ. ޢަލީ ޢަބްދުﷲ ލަޠީފަކީ، އައިލެންޑު ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ 50 އިންސައްތަ ޙިއްޞާ އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެކެވެ. ޕީޖީ އޮފީހުން ވިދާޅުވީ، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީވެސް ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މަޞްލަޙަތު އޮންނަ ކުންފުންޏެއް ކަމަށާއި، ކޮވިޑު ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފު އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ތަޙުޤީޤަށް ހޯދިފައިވާ ކަމަށެވެ. އަދި އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ޙަވާލުކޮށްފައިވާ ފަރާތެއް ކަމަށެވެ.

ދަޢުވާ ލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައި ދެއްވުމަށް ކޯޓުގައި އެދެން އެ އޮފީހުން ވަނީ އެދިފައެވެ. މި ދަޢުވާތަކަކީ، 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައި އޮޅުވާލާފައިވާތީ ކޮށްފައިވާ ދަޢުވާތަކެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.