ޚަބަރު

މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި


  • ކުރިން ގަންނަމުންދިޔައީ 15 ކިލޯއިން މަތީގެ ކަންނަލި

  • މިހާރު 10 ކިލޯއިން މަތީގެ ކަންނިލި ގަތުމަށް މިވަނީ ނިންމާފައި

  • މި ސައިޒުގެ ކަންނެލި ގަންނާނީ ކިލޯއެއް 20ރ. ގެ މަގުން

  • ކަންނެލި ދޯނިތަކަށްވެސް 48 ގަޑިއިރުތެރޭ ފައިސާދަނީ ދޫކުރަމުން

މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފިއެވެ.

މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ރަސްމީކޮށް ކަންނެލި ގަންނަން ފަށާފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝެރީޒް ކޮމްޕެނީއިން ވިދާޅުވީ މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ވަނީ 10ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިކަމަށެވެ. އެގޮތުން މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުންކަމަށް ވިދާޅުވިއެވެ. ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި މީގެ އިތުރުން ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި ގަންނަން ފަށާފައިވާކަމަށް މިފްކޯއިން ވިދާޅުވިއެވެ.

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ކިލޯއިން މަތީގެ ކަންނެލި މިފްކޯއިން ދަނީ ގަންނަމުންނެވެ. މި ސައިޒުގެ ކަންނެލި މިފްކޯއިން ގަންނަނީ 25ރ. ގެ މަގުންނެވެ. މިފްކޯއިން ވިދާޅުވީ ސަރުކާރުގެ ވައުދާ މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާ ކަމަށެވެ.

މިފްކޯއިން ވިދާޅުވީ މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއްކަމަށެވެ. މިގޮތުން މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ފަރާތްތަކެވެ. އެ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުންއެވެ. އެހެންނަމަވެސް މިހާރު އެ ފަރާތްތަކުން އެދެމުންދިޔަ ކަންތައްތައް ހާސިލްވެފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކަނޑުއޮތްގިރިއަށް ކަޅުބިލަ މަސްވެސް މިހާރު ގަންނަން ވަނީ ފަށާފައެވެ. މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށާފައިވާއިރު، މީގެ ކުރިން ބޮޑު ކަންނެލި ވިއްކަމުން ދިޔައީ އަމިއްލަ ކުންފުނިތަކަށެވެ. ނަމަވެސް ބޮޑު ކަންނެލި ވިއްކައިގެން ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވަމުން ދިއުމާއެކު އެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ދިޔައީ ބޮޑެތި ގެއްލުންތަކާޢި ކުރިމަތިވަމުންނެވެ.

ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މީގެ ކުރިން މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބްގެ ގޮތުގައި ބޭނުންކުރަމުން އައި ފެސިލިޓީއެކެވެ. އޭރު ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތައް އުފެއްދުމުގެ އިތުރުން ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސްގެ ޕްރޮޑަކްޝަން މަސައްކަތްވެސް އެރަށުގައި ކުރަމުންދިޔައެވެ.

ކަނޑުއޮތްގިރި އަލުން މިފްކޯއާ ހަވާލުކޮށްފައި މިވަނީ އެރަށުގެ ބަދަލުގައި މިފްކޯއަށް ހުޅުމާލެއިން ހަމަޖައްސައިދިން 25،000އަކަފޫޓްގެ ބިމުގައި ބޮޑުކަންނެލި ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުން ދަނިކޮށްނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ފަންޑިންގ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު(އައިއެސްޑީބީ)އިން ހަމަޖެހިފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.