ޚަބަރު

ވިސްނުން ހުރީ މެޗަކަށްފަހު މެޗަކުން މޮޅުވާން: ޝާފިއު


ޓީމުގެ ވިސްނުން ހުރީ ކުރިއަށް އޮތް ތިން މެޗުގައި ވެސް، މެޗަކަށް ފަހު މެޗަކުން މޮޅުވުމަށް ކަމަށް ޤައުމީ ފުޓްސަލް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) ބުނެފިއެވެ.

އިންޑިއާ އަތުން 0-5 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ޝާފިއު ބުނީ، ބޮޑު ފަރަގަކާއެކު ކޮންމެ މެޗަކުން މޮޅެއް ރާއްޖެއިން ހޯދަމުން އަންނައިރު، މިއީ "ވަރަށް ބުރަ މަސައްކަތް" ކަމަށެވެ. ރާއްޖެއިން މެޗުގައި ދައްކާ ތަފާތުގެ އަސްލަކީ، ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ގުޅިގެން ކުރާ މަސައްކަތްކަން ޝާފިއު ފާހަގަކުރިއެވެ.

ޝާފިއު ބުނީ، މުބާރަތަށް އައި އިރު ވެސް، މެޗުތަކުން މޮޅުވާނެކަމުގެ ބޮޑު އުއްމީދެއް އޮތް ނަމަވެސް، މިހާ ބޮޑު ފަރަގަކުން ޓީމުތައް ބަލިކުރެވޭނެކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

ކުރިއަށް އޮތް ތިން މެޗާމެދު ކުޅުންތެރިންގެ ވިސްނުން ހުރި ގޮތްވެސް ޝާފިއު ހިއްސާކުރިއެވެ.

"ހަމަ މޮޅަކަށް އުއްމީދުވެސް ކުރަނީ އަދި މަސައްކަތް ވެސް ކުރަނީ. މެޗަކަށްފަހު މެޗަކުން މޮޅުވާން އުއްމީދުވެސް މަސައްކަތް ވެސް ކުރަނީ". ޝާފިއު ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝާފިއު އަކީ މުޅި މުބާރާތުގައި ވެސް ރާއްޖެ ޓީމުން އެންމެ ފާޙަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާއެވެ.

މުބާރާތުގައި މިހާތަނަށް ރާއްޖެ ކުޅުނު ތިން މެޗުގައި، ކޮންމެ މެޗެއްގައި ވެސް ޝާފިއު ވަނީ އެއް ލަނޑު ޖަހައިފައެވެ. އަދި ކޮންމެ މެޗެއްގައި ވެސް ރާއްޖެއިން ޖެހި ބައެއް ލަނޑުތަކުގައި އެސިސްޓު ކޮށްދީފައި ވަނީ ޝާފިއުކަން ފާހަގަކޮށްލަން ޖެހެއެވެ.

މުބާރާތުގެ ތަށްޓާމެދު ރާއްޖެއަށް ކުރެވޭ އުއްމީދު ބޮޑުއިރު، މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް އެއްވަނައިގައި ރާއްޖެ އޮތީ ނުވަ ޕޮއިންޓާއެކުއެވެ.

މުބާރާތުގައި ރާއްޖެއިން ކުޅޭ ހަތަރުވަނަ މެޗުގައި، ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ.

މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސް ޓީވީން ގެނެސްދޭނެއެވެ.