ޚަބަރު

ހއ. ފައިނަލުގައި މާރަންދޫއާއި ކެލާގެ ކުރިމަތިލުމެއް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގެ ފައިނަލުގެ ޖާގަތައް މާރަންދޫއާއި ކެލާ ހޯދައިފިއެވެ.

މާރަންދޫ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ އަތޮޅު ސެމީގެ ފުރަތަމަ މެޗުގައި ފިއްލަދޫގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.

މި މެޗުގައި މާރަންދޫގެ ލަނޑުތައް ޖަހައިދިނީ ހުމެއިދު ހުސެއިން އާއި ޝަނީމް މޫސާއެވެ. ފިއްލަދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ޔާމީނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާރަންދޫގެ ހުމެއިދުއެވެ.

މުބާރާތުގެ ސެމީއަށް މާރަންދޫ ދަތުރުކޮށްފައި ވަނީ އެ އަތޮޅުގެ ގްރޫޕް ބީގެ ދެވަނައިގެ ގޮތުގައެވެ.

މި އަތޮޅުގެ ފައިނަލުގެ ދެވަނަ ހާގަ ކެލާއިން ހޯދީ ސެމީގެ ދެވަނަ މެޗުގައި މުރައިދޫގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ.

އަބްދުﷲ އިޙްސާނާއި ޤާސިމް އަތޫފް، ކެލާގެ ލަނޑުތައް ޖަހައިދިން އިރު މެޗުގައި މުރައިދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަބްދުﷲ ހިޝާނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޤާސިމް އަތޫފެވެ.

މި މުބާރާތުގެ ހއ. އަތޮޅުގެ ސެމީ ފައިނަލުގެ ޖާގައެއް ކެލައިން ހޯދީ އަތޮޅު ގްރޫޕް އޭގެ ދެވަނަ މަގާމުގައި އޮތް ޓީމުގެ ގޮތުގައެވެ.

ހއ. އަތޮޅުން މި މުބާރާތުގައި ބައިވެރިވީ ޖުމްލަ 10 ޓީމެކެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭ ގޮތަށެވެ.