ސާފް ފުޓްސަލް ޗެލެންޖް 2026 ގައި ބަންގްލަދޭޝް އިން ލަންކާގެ މައްޗަށް ކުރި ހޯދައި ޕޮއިންޓް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި މިއީ ބަންގްލަދޭޝް އިން ކުޅުނު ހަތަރުވަނަ މެޗެވެ.
ނޮންތަބުރީ ހޯލުގައި ކުޅެ މި މެޗުން ބަންގްލަދޭޝް މޮޅުވީ 1-5 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ބަންގްލަދޭޝް އިން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރަހްބާރު ވަހީދު ޚާން އެވެ.
އޭގެ މިނެޓެއްފަހުން ލަންކާއިން ނަތީޖާ ހަމަހަމަކުރީ މުޙައްމަދު އަމާން މުޙައްމަދު ފައިޒާގެ ލަނޑުންނެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ހާފު ނިމެން ދަނިކޮށް، 18 ވަނަ މިނެޓުގައި ރަހްބާރު ވަނީ ބަންގްލަދޭޝްއަށް އަލުން ލީޑުނަގާދީފައެވެ.
ލީޑުގައި އޮވެ ބަންގްލަދޭޝްއިން ދެވަނަ ހާފު ފެށިއިރު، މިހާފުގައި ބަންގްލަދޭޝްއިން ވަނީ ތިން ލަނޑު ޖަހާފައެވެ.
މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ މުއީން އަހްމަދާއި ތަޖްވާރު ބިން ކާސިމްގެ އިތުރުން މުޙައްމަދު އާބިރު ހުސެއިން އެވެ.
މި މޮޅާއެކު ބަންގްލަދޭޝް އިން ތާވަލުގެ ދެވަނައަށް ޖެހިލީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ޕާކިސްތާނަށް ވެސް ހަތަރު މެޗުން ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ބަންގްލަދޭޝްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
މެޗުން ބަލިވި ސްރީލަންކާ އޮތީ ތާވަލުގެ ފުލުގައި، އެއް ޕޮއިންޓާއެކުއެވެ.