ޚަބަރު

ވޯކް ސައިޓުތަކުގެ ލިޔެކިޔުންތައް އަދާހަމަކުރުމަށް އިލްތިމާސްކޮށްފި


  • މުއްދަތު ހަމަވެފައިވާ ސައިޓުތައް މާދަމާއިން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް"އަށް

  • ކޯޓާ ނުނަގާ ސައިޓުތައް ޖެނުއަރީ 25އިން ފެށިގެން "އިން އެކްޓިވް"އަށް

ބިދޭސީންނާއި ގުޅުންހުރި މަސައްކަތްކުރާ ސައިޓުތަކާއި ގުޅުންހުރި ލިޔެކިޔުންތައް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން އަދާހަމަކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ. އެވުޒާރާއިން ވަނީ މިމަހުގެ ތެރޭގައި 2 ކަމެއްގައި އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ބަދަލުގެނައުމަށް ނިންމަވާފައެވެ.

ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި ބިދޭސީންނާއި ގުޅުންހުރި ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށް މިހާރުވަނީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓް އުސޫލުން ރަޖިސްޓްރީކުރަންޖެހެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ މަސައްކަތްކުރާ ސައިޓުތައް އަންގާރަ ދުވަހުން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް"ގެ ގޮތުގައި ކަނޑައަޅާނެކަމަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން މިމަހުގެ 25 ވާ އާދިއްތަ ދުވަހުން ފެށިގެން އެފަދަ ސައިޓުތައް ""އިން-އެކްޓިވް" އަށް ބަދަލުކުރެވޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވަނީ މިފަރާތްތަކުން މުއްދަތު ހަމަވެފައިވާ މަސައްކަތާއި ގުޅުންހުރި ސައިޓުތައް އަލުން އެކްޓިވޭޓްކުރުމަށް، ލިޔެކިޔުންތައް އައުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޑޮކިއުމަންޓްތައް އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އަންގާފައިވާކަމަށެވެ. އެހެންކަމުން ސައިޓުތަކުގައި ބިދޭސީން މަސައްކަތްކުރަމުންދާ ތަންތަނުގައި ވަޒީފާ ދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުން އަދާހަމަކުރުމަށް ދާޚިލީ ސަލަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ބިދޭސީން ރާއްޖެއަށް ގެނެސް މަގުމައްޗަށް ދޫކޮށްލާ މައްސަލަ ބޮޑުވެފައިވާއިރު، ވަކި ބާވަތެއްގެ މަސައްކަތްކުރުމަށް ސައިޓުތައް ރަޖިސްޓްރީކޮށް އެކަމުގެ ފައިދާ ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ނަގަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން ގަވާއިދާ އެއްގޮތަށް ރާއްޖޭގެ މަސައްކަތްކުރުމުގެ މާޙައުލުގެ ކަންކަން ބައްޓަންކޮށް ބިދޭސީން ގަވާއިދުގެ ތެރެއިން މަސައްކަތްކުރުމަށް ބާރުއެޅުމަށް ގަވާއިދަށް ބަދަލުގެނެސް އުސޫލުތައް ދަނީ ބަދަލުކޮށް ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.