ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އުފައްދަވާ "ބޯޑް އޮފް ޕީސް" އިނީޝިއޭޓިވްގައި ބައިވެރިވުމަށް އިންޑިއާއަށް ދައުވަތު އަރުވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ސާޖިއޯ ގޯރ، އެކްސްގައި ހިއްސާކުރެއްވި ވައިޓް ހައުސްގެ ބަޔާނެއްގައެވެ. ސަފީރުވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފޮނުއްވި ދައުވަތުގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ.
"މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށާއި، ދުނިޔޭގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ފަށާފައިވާ ހިތްވަރުގަދަ ތާރީޚީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން މަނިކުފާނަށް ދައުވަތު އެރުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އެ ބަޔާނުގައި ލިޔުއްވާފައިވެއެވެ.
މި މަޝްރޫއުގެ މައިގަނޑު އަސާސަކީ، އައި ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއްގެ ގޮތުގައި އަދި އިންތިޤާލީ ވެރިކަން ހިންގާ އިދާރާއެއްގެ ގޮތުގައި އުފައްދާ "ބޯޑް އޮފް ޕީސް" ކަމަށާއި މިއީ މިހާތަނަށް ދުނިޔޭގައި އުފެދޭނެ އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ މަޖިލީހުގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާފައިވެއެވެ. އަދި މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާ އެކު، ވަރަށް އަވަހަށް ބައްދަލުވުމެއް ބޭއްވުމަށް ގަސްދުކުރައްވާކަމަށް ޓްރަމްޕްގެ ބަޔާނުގައި ވެއެވެ.
ފުރަތަމަ މަރުހަލާގައި ޣައްޒާގެ މައްސަލައަށް ޚައްސަ އިސްކަމެއް ދިނުމަށް އެކުލަވާލާ ސުލްހައިގެ ބޯޑުގައި އިންޑިއާއިން ބައިވެރިވާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިންޑިއާއަށް މި ބޯޑުގައި ބައިވެރިވުމަށް ދައުވަތު ދީފައި މި ވަނީ އިންޑީއާއިން އެކްސްޕޯޓުކުރާ މުދަލުން ޓެކްސް ކުޑަކުރުމަށް ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ގުޅުމަށް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓުކުރާ މުދަލުން މިހާރުވެސް 50 އިންސައްތައިގެ ޓެކުހެއް ނަގަމުންދާއިރު، މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އެއް ޓެކްސްއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މި އިނީޝިއޭޓިވްގައި ބައިވެރިވުމަށް އިންޑިއާގެ އަވަށްޓެރި ޕާކިސްތާނާއެކު ޖުމްލަ 60 ޤައުމަކަށް ދައުވަތު އަރުވާފައެވެ. ޕާކިސްތާނު ސަރުކާރުން ވަނީ ޣައްޒާގެ ސުލްޙައާއި އަމާންކަމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އެ ޤައުމުން ބައިވެރިވާނެ ކަން ހާމަކޮށްފައެވެ.