ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅުގެ ފައިނަލުން، ކިނބިދޫއާއި ތިމަރަފުށި ޖާގަ ހޯދައިފިއެވެ.
ކިނބިދޫއިން މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކޮށްފައި މިވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކާއި، ސެމީ ކާމިޔާބުކުރުމަށްފަހު ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާ އެކުއެވެ.
ސެމީ ފައިނަލުގައި ކިނބިދޫއިން ނުކުތީ ހިރިލަންދޫއާ ދެކޮޅަށެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ ހިރިލަންދޫއިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. ދެވަނަ ހާފުގެ އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ކިނބިދޫއިން މެޗުގެ ތިންވަނަ ލަނޑު ޖެހީ، ހިރިލަންދޫގެ ކެޕްޓަނަށް ދެއްކި ރަތްކާޑާއެކު، އެ ޓީމުން ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ދަނޑިވަޅުގެ ފައިދާ ނަގައިގެންނެވެ.
އެންމެފަހުގެ އަތޮޅު ރަނަރަޕް ހިރިލަންދޫގެ ލަނޑުތައް މި މެޗުގައި ޖަހައިދިނީ އަޙްމަދު ސާއިން ސިއްދީގާއި މުޙައްމަދު ޝަމްހާނެވެ.
ކިނބިދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝަޚާއު (ބޭލް) އާއި މުޙައްމަދު ޝާފިއު އެވެ. ޝާފިއު ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މެޗުން ކިނބިދޫ މޮޅުކޮށްދިން ލަނޑު ޖަހައިދިން ޝާފިއު އެވެ.
މި އަތޮޅުގެ ފައިނަލުގެ ދެވަނަ ޖާގަ، ވަރުގަދަ ތިމަރަފުށިން ހޯދީ ސެމީ ފައިނަލުގައި ގާދިއްފުށީގެ މައްޗަށް 1-5 އިން ކުރިހޯދައިގެންނެވެ.
ތަރިންގެ ސްކޮޑެއް އެކުލެވޭ ތިމަރަފުށްޓަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އިބްރާޙީމް ސިނާޙް (ސިނާ)، އަލީ ޝިފާއު (ރޮނާ) އިބްރާޙީމް އަސްވާދު (ގަބޭ)، އަބްދުﷲ ޒިޔާން އަދި އަޙްމަދު އަފްލާޒެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އެންމެފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕުގެ ކިންގް އޮފް ދަ ޓޯނަމަންޓުގެ މަގާމު ހޯދި އަފްލާޒްއެވެ.
ކިނބިދޫއާއި ތިމަރަފުށިން ފައިނަލުގެ ޖާގަ ހޯދި ތ. އަތޮޅުން މި މުބާރާތުގައި ޖުމްލަ އަށް ޓީމު ވާދަކޮށްފައިވެއެވެ. މި އަށް ޓީމުގެ މެޗުގައި ގުރޫޕު ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.