ޚަބަރު

ސާފް ފުޓްސަލް: އިންޑިއާއާއި ނޭޕާލުގެ ކުރިމަތިލުންވީ އެއްވަރު


ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި އިންޑިއާއާއި ނޭޕާލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ތައިލެންޑުގެ ނޮންތަބުރީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ދެ ޓީމު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ނޭޕާލުންނެވެ. ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިކްރަންތު ނަރްރިންގް ރަނާއެވެ. އޭގެ މިނެޓެއްފަހުން ލަލްތުލުއަންގްޒެލާ ވަނީ ލަނޑެއް ޖަހައި އިންޑިއާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން މެޗުގެ ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ވެސް ފުރަތަމަ ލަނޑުޖެހީ ނޭޕާލުންނެވެ. ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަމިތު ލަމާއެވެ.

އޭގެ 14 މިނެޓުފަހުން އަންމޯލް އަދިކާރީ އިންޑިއާއަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ އެންމެފަހު މިނެޓުގެ ތެރޭގައި ނިކިލް ރާޖެންދްރާ ވަނީ އިންޑިއާއަށް ލީޑުނަގާދީފައެވެ.

މެޗުން މޮޅުވުމުގެ ބޮޑު ޔަގީންކަމެއް ލިބި އިންޑިއާއިން ކުޅެމުން ދަނިކޮށް، އޭގެ ކުޑައިރުކޮޅެއް ފަހުން ބިޖޭ ޝްރިސްތާގެ ލަނޑުން ނޭޕާލުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއި މި ދެޓީމުން ވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. އިންޑިއާގެ ފުރަތަމަ މެޗު ވެސް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ.

ނޭޕާލުން ވަނީ ފުރަތަމަ މެޗުގައި ލަންކާއަތުން 1-2 އިން މޮޅުވެފައެވެ.

މި ނަތީޖާއާއެކު ނޭޕާލް ތާވަލުގެ ދެވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. އިންޑިއާ ހަތަރުވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކުއެވެ. ތާވަލުގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކު އޮތީ ރާއްޖެއެވެ.