އެމްޑަބްލިއުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމުގެ މަސައްކަތް މިމަހުގެތެރޭގައި ފެށިގެންދާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މާލޭގެ އާބާދީއަށް ބޭނުންވާ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އެމްޑަބްލިއުއެސްސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވީ މާލޭގައި ފެން ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރުމަށްޓަކައި 13000 ޓަނުގެ ފެން ރައްކާކުރެވޭ 2 ތާނގި ބެހެއްޓުމަށްޓުމަށް ނިންމާފައިވާކަމަށެވެ.
މަތީން ވިދާޅުވީ މިކަމަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނެސް ސައިޓުގައި މިމަހު މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މަތީން ވަނީ މި މަސައްކަތްކުރުމަށް ހުރި ދަތިތައްވެސް ފާހަގަކުރައްވާފައެވެ.
"ބިމުގެ ދަތިކަން އެބަހުރި، ތާނގި ޖެހުމަށް ލިބުނު ބިމަކީ ކުރީގެ ކުނިގޮނޑު ހުރި ސަރަހައްދު، މަސައްކަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި، ތިންވަނަ ފަހަރަށް މި ޑިޒައިން ބަދަލުކުރީ، މީގަ ސޭޕްޓީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ، ވަރަށް ބޮޑު ދިގު ދެމިގެން ދިޔަ މިކަމާއެކު،" މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ މި މަސައްކަތަށް ތަކެތި ގެންނަނީ ކޮލިޓީއަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ. އަދި މި މަސައްކަތް މިމަހު ފެށިގެންދާއިރު، މިއީ މާލޭގެ ފެން ރައްކާކުރުމުގެ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަތީން ވިދާޅުވިއެވެ.
"ޔޫއެސް މެނުފެކްޗަރޑު އެއްޗެހި މި ގެންނަނީ، މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަޤީންކަން ބޮޑުވޭ، ޚިދުމަތަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވެގެންދޭ،" މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ 13،000 ޓަނުގެ މި 2 ތާނގިއާއެކު 26،000 ޓަނުގެ ފެން ރައްކާކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ. މިއީ މިހާރު މާލޭގައި ފެން ރައްކާކުރުމުގެ ގާބިލްކަން ހުރި ވަރާ އެއްވަރުގެ އަދަދެއްކަން މަތީން ފާހަގަކުރެއްވިއެވެ.
ފެން ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމްޑަބްލިއުއެސް ވަނީ މިދިޔަ އަހަރު ހުޅުމާލޭގައި 10000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ގާއިމުކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބަހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް ވަނީ އިތުރުވެފައެވެ.