އީރާނުގައި ކުރަމުންދާ މުޒާހަރާތަކަކީ އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ހަމަނުޖެހުމަށް މަގުފަހިކުރެއްވުމުގެ ސަބަބުން ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި، މުޒާހަރާގެ ފަހަތުގައިވާ މުޖުރިމަކީ ޓްރަމްޕް ކަމަށް އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އީރާނުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި އެ ޤައުމުގެ ރައްޔިތުން ދަނީ މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 3،000އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ބުނެއެވެ.
މުޒާހަރާތަކާ ގުޅިގެން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ޓްރަމްޕް ފަހުން ވަނީ މުޒާހަރާގެ ބައިވެެރިންނާ މެދު އީރާނުގެ ސަރުކާރުން އިހާނެތިކޮށް ކަންތައް ނުކުރާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އީރާނުން ބުނީ ޓްރަމްޕް ވިދާޅުވި ގޮތަށް މުޒާހަރާގެ ބައިވެރިންނާ މެދު ޢަމަލުކުރުމަށް އެ ޤައުމުން އެއްވެސް އިރެއްގައި ރާވާފައި ނެތް ކަމަށެވެ.
ޓްރަމްޕްގެ ވާހަކަތަކަށް ރައްދުދެއްވައި ފަދަ މޭރުމަކުން ޚާމަނާއި ވިދާޅުވީ މުޒާހަރާގައި ލިބިފައިވާ ގެއްލުންތަކާއި ގެއްލުނު ފުރާނަތަކުގެ ފަހަތުގައި ވަނީ ޓްރަމްޕް ކަމަށެވެ. އެމެރިކާއާއި ޔަހޫދީންގެ ހިތްވަރުދިނުމާއެކު މުޒާހަރާގެ ބައިވެރިން އިމާރާތްތަކުގައި ހުޅުޖަހައި ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމާ ގުޅޭ ގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި ޤައުމުގެ އަގު ވައްޓަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުން އަމިއްލަ ޤައުމު ހަނގުރާމައިގެ ތެރެއަށް ނުވައްދާނެ ކަމަށެވެ. ނަމަވެސް އީރާނުގެ ވެސް އަދި ބޭރު ޤައުމެއްްގެ ވެސް މުޖުރިމަކަށް ޢަދަބު ނުދީ ދޫނުކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.