ޚަބަރު

ދިނީ ހޭލުންތެރިކަމަށް ރަމަޟާންމަހު ގިނަ ޕްރޮގްރާމްތަކެއް


  • މިއަހަރު ގިނަ ރަށްރަށުގައި އިހްޔާ ފޯރަމް ބާއްވާނެ

  • ހޭލުންތެރިކަން އިތުރުކުރުމަށް ސޯޝަލް މީޑިއާ ކޮންޓެންޓްތައް އުފައްދާނެ

  • ބޮޑު ދަރުހެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައި

މިއަހަރުގެ ރަމަޟާން މަހުވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ ޕްރޮގްރާމްތަކެއް ރާވާފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއްޖެއެވެ.

މީގެތެރޭގައި މަޢުލޫމާތު ދިނުމާއި، އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ޕްރޮގްރާމްތަކެއްވެސް ވަނީ ރާވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ގިނަ ޕްރޮގްރާމްތަކެއް ރާވާ، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ. މިއަހަރުވެސް މާލެ އަދި އަތޮޅުތަކުގައިވެސް އެކި ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އިޚްޔާ ފޯރަމްތަކަކީ ދީނީ މަޢުލޫމާތު ފޯރުކޮށްދީ އާއްމުން ހޭލުންތެރި ކުރުމަށް އެ ވުޒާރާއިން އެންމެ ދިގު މުއްދަކަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަޢުވާ އެންޑް ގައިޑެންސް ސެކްޝަންގެ ފަރާތުން މަޢުލޫމާތު ޙިއްސާކުރައްވަމުން އަޙްމަދު ރައްސާމް ވިދާޅުވީ، މިއަހަރު އެހެން އަހަރުތަކަށްވުރެ ގިނަ ރަށްތަކުގައި އިޚްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިޓީތަކާއި ވަކިވަކި ރަށްރަށް ހިމެނޭހެން އަތޮޅުތަކުގައި 11 ފޯރަމް މިއަހަރުގެ ރަމަޟާން މަހު ބާއްވާނެއެވެ.

ރައްސާމް ވިދާޅުވީ އިޚްޔާ ފޯރަމް ބާއްވަން ބޭނުންވާ ރަށްތަކަށް ހުޅުވާލުމުން، އެކަމަށް ބޮޑު ތަރުޚީބެއް ލިބެމުން ދާ ކަމަށެވެ.

"އެހެން އަހަރުތަކަށްވުރެ ގިނަ އިޚްޔާ ފޯރަމް މި އަހަރު ބާއްވާނެ. ކައުންސިލްތަކުން އަދި ޖަމިއްޔާތަކުންވެސް އެދޭ، އެފަރާތްތަކާ ގުޅިގެން މި ގެންދަނީ. ވަރަށް ގިނަ ފަރާތްތަކުން މިފަހަރު ފޯރަމް ބާއްވަން ރިކުއެސްޓްކުރި." ރައްސާމް ވިދާޅުވިއެވެ.

އިޙްޔާ ފޯރަމްތަކަކީ، އެކި މަޢުޟޫތަކަށް ދަރުސްދީ އަދި އާއްމުންނަށް ސުވާލުވެސް ކުރެވޭ ގޮތަށް ބާއްވަމުން އަންނަ ފޯރަމެކެވެ. އަދި ދީނީ ފޮތްތައް ހަދިޔާ ކުރުމާއި ބައެއް ކަހަލަ އިނާމުތައްވެސް ފޯރަމްގެ ތެރެއިން އަންނަނީ ދެމުންނެވެ.

މިއަހަރު، ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވީޑިއޯ ކޮންޓެންޓްތަކެއް އުފެއްދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ހަދާ ކޮންޓެންޓްތަކެކެވެ.

މީގެއިތުރުން، މުވައްސަސާތަކާ ޖަމްޢިއްޔާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޢަމާޒުކޮށް، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މަރުޚަބާ ރަމަޟާންގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ހަވީރެއްވެސް ބާއްވާނެއެވެ. އަދި މަރުޚަބާ ރަމަޟާންގެ ނަމުގައި އާއްމުންނަށް ހުޅުވާލައިގެން، މާލޭގައި ބޮޑު ދަރުހެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ.