ޚަބަރު

ނޭޕާލް އަތުން ބޮޑު މޮޅެއް ހޯދައި އިންޑިއާ ތާވަލުގެ އެއްވަނައަށް


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި، އިންޑިއާއިން ނޭޕާލުގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަނެއްކާ ވެސް ޖެހިލައިފިއެވެ.

ބެންކޮކުގައި ހުންނަ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އިންޑިއާ މޮޅުވީ 1-8 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް އިންޑިއާއިން ވަނީ ފަސް ލަނޑު ޖަހާފައެވެ. މި ހާފުގައި ނޭޕާލުން ވެސް ލަނޑު ޖެހިއެވެ.

މިހާފުގައި އިންޑިއާއިން ޖެހި ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޑިތީ ކަނުންގޯއެވެ. މި ދެ ލަނޑު ޖެހުމަށް އޭނާއަށް އެސިސްޓް ކޮށްދިނީ ޚުޝްބޫ ސަރޯޖެވެ. އިންޑިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނިޝްކާ ޕްރަކާޝްއެވެ.

އިންޑިއާއިން ތިންވަނަ ލަނޑު ޖެހިތަނާ ނޭޕާލުގެ މަނީޝާ ތާޕާ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ.

މިހާފުގައި އިންޑިއާއިން ޖެހި އަނެއް ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ ދިތީއެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މާ ގިނައިރުތަކެއް ނުވެ އިންޑިއާއިން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިތިކާ ސިންގެވެ.

އިންޑިއާގެ ހަތްވަނަ ލަނޑު ޚުޝްބޫ ކާމިޔާބުކޮށްދިންއިރު އަށްވަނަ ލަނޑު ޖަހައިދިނީ ރިތިކާ ސިންގެވެ.

މި މެޗުން ހޯދި ބޮޑު މޮޅާއެކު އިންޑިއާ އަލުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، އިންޑިއާއަށް ތިން މެޗުން 6 ޕޮއިންޓު ލިބިފައިވެއެވެ. ދެވަނައިގައި އޮތް ބަންގްލަދޭޝްއާއި ތިންވަނައިގައި އޮތް ޕާކިސްތާން އަދި ހަތަރުވަނައިގައި އޮތް ނޭޕާލަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ.

ތާވަލުގެ ފަސްވަނައިގައި އޮތް ބޫޓާނަށް ދެ ޕޮއިންޓު ލިބިފައިވާއިރު ހަވަނައިގައި އޮތް ސްރީލަންކާއަށް އެއް ޕޮއިންޓު އަދި ފުލުގައި އޮތް ދިވެހިރާއްޖެއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.