ބާސެލޯނާގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ފަށައިފި އެވެ.
މި ގޮތުން އިންތިހާބު ބާއްވާނެ ތާރީހެއް ފައިނަލް ކުރާނީ އަންނަ ހަފުތާގައި ބާއްވާ އެ ކުލަބުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަކުވުމުގަ އެވެ. ގިނަ މީޑިއާތަކުން ބުރަ ވަނީ އިންތިހާބު ބާއްވާނީ މާޗު މަހުގެ 11 ނުވަތަ 22ގައި ކަމަށެވެ.
މި ފަހަރުގެ އިންތިހާބުގައި ވެސް މިހާރުގެ ރައީސް ޖޯން ލަޕޯޓާ ވާދަ ކުރައްވާނެ އެވެ. ބާސެލޯނާއިން ބުނީ އިންތިހާބު 45 ދުވަހަށް ކައިރިވުމުން ލަޕޯޓާ އޭނާގެ ޒިންމާތަކުން ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭގެ ފަހުން ކުލަބު ހިންގުން ހަވާޅު ކުރައްވާނީ މިހާރުގެ އެއް ނައިބް ރައީސް ރަފާ ޔުސްޓޭ އާއި އެގްޒެކެޓިވް ކޮމިޓީން އައްޔަން ކުރައްވާ ކޮމިޓީއަކާ އެވެ.
ލަޕޯޓާ އަށް މި ފަހަރުގެ އިންތިހާބުގައި ވެސް އެންމެ ބޮޑު ވާދައެއް ކުރައްވާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް އޭނާއާ ވާދަ ކުރެއްވި ވިކްޓަރ ފޮންޓެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ވަނީ މީގެ ދެ މަސް ކުރިން އޭނާގެ ކެމްޕޭން ފަށްޓަވާފަ އެވެ.
ފޮންޓް ބޮޑަށް ބާރު އަޅުއްވަނީ އިންތިހާބުގައި ވާދަކުރައްވަން ވިސްނަވާ ގިނަ ކެނޑިޑޭޓުން އެކުވެގެން ލަޕޯޓާ ބަލިކުރައްވަން ނުކުންނެވުމަށެވެ. މިގޮތުން އޭނާގެ ކެމްޕޭނުގެ ޝިއާރަކީ ވެސް "އަހަރުމެން" އެވެ. ފޮންޓަށް ތާއީދު ކުރައްވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޒަވީ ހަނާންޑޭޒް އެވެ.
މި ފަހަރުގެ އިންތިހާބުގައި ލަޕޯޓާ އަށް އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވާނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ ކުލަބު ދޫކޮށްލަން ޖެހުނު މައްސަލަ އެވެ. އެންމެ ފަހުގެ އިންތިހާބު ލަޕޯޓާ ކާމިޔާބު ކުރީ މެސީ ކުލަބުގައި ބަހައްޓާނެ ކަމުގެ ވައުދާ އެކުގަ އެވެ.
ނަމަވެސް އިންތިހާބުވުމަށްފަހު ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން ލަޕޯޓާ ވަނީ މެސީ ދޫކޮށްލައިފަ އެވެ. އެއީ ސްޕެނިޝް ލީގުން މެސީގެ ކޮންޓްރެކްޓް ރަޖިސްޓަރ ކޮށްނުދޭނެ ކަމަށް ބުނުމުންނެވެ. ނަމަވެސް މިއީ މިއަދާ ހަމައަށް ވެސް ލަޕޯޓާ އަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.