ޚަބަރު

ޝާފިއުގެ ހެޓްރިކާއެކު ކިނބިދޫ މޮޅުވިއިރު، ގާދިއްފުށި ވެސް ސެމީއަށް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅު ގްރޫޕް ބީއިން ސެމީގެ ޖާގަ ފުރަތަމަ ހޯދި ކިނބިދޫއިން ގުރޫޕުގެ އެއްވަނަ ޔަގީންކުރިއިރު އެ ގުރޫޕުން ސެމީގެ ދެވަނަ ޖާގަ ގާދިއްފުށިން ހޯދައިފިއެވެ.

ކިނބިދޫއިން ވިލުފުށީގެ މައްޗަށް 1-5 އިން ކުރިހޯދިއިރު ގާދިއްފުށިން ސެމީ ޔަގީންކުރީ ފަހު މެޗުގައި ބުރުނީގެ މައްޗަށް 2-3 އިން ކުރިހޯދައިގެންނެވެ.

ކިނބިދޫއާއި ވިލުފުށި ބައްދަލުކުރި މެޗުގައި ކިނބިދޫގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މުޙައްމަދު ޝާފިއުއެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ވިލުފުށީގެ މޫސާ ފަތުހީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ބާކީ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހަމްދޫން ހުސެއިންއެވެ.

މެޗުގައި ވިލުފުށިން ޖެހި ހަމަ އެކަނި ލަނޑަކީ އިސްމާއިލް ހާމީ އަހްމަދު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ގާދިއްފުށިން ބުރުނީގެ މައްޗަށް 2-3 އިން ކުރިހޯދިއިރު މެޗުގައި ގާދިއްފުށީގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ޒާހިރު، މުޙައްމަދު ސާހިލް އަދި އަދީބް އަބްދުއްރަޙްމާނެވެ. ބުރުނީގެ ލަނޑުތައް ޖަހައިދިނީ ހުސެއިން މަމްދޫޙް އަޙްމަދާއި އުސްމާން ޝާން މުޙައްމަދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާދިއްފުށީގެ ހުސެއިން ޒާހިރެވެ.

ތ އަތޮޅުގެ އަނެއް ގުރޫޕުގައި ރޭ ހިރިލަންދޫއިން ވަންދޫ ބަލިކޮށް ސެމީ ޔަގީންކުރިއިރު ތާވަލުގެ އެއްވަނައިގެ ގޮތުގައި އޮތް ތިމަރަފުއްޓާއި އޮމަދޫގެ ކުރިމަތިލުން ނިމުނީ އެއްވަރުވެގެންނެވެ.

ހިރިލަންދޫއިން ސެމީ ޔަގީންކުރީ ވަންދޫގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. މެޗުގައި ވަންދޫގެ ހަމައެކަނި ލަނޑު މުޙައްމަދު އަޒުހީން ކާމިޔާބުކޮށްދިން އިރު ހިރިލަންދޫގެ ލަނޑުތައް ޖަހައިދިނީ އަހްމަދު ސާއިން ސިއްދީގާއި އިސްމާއިލް އަޒުހާން އެވެ. ސާއިން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ތިމަރަފުއްޓާއި އޮމަދޫގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގްނެނެވެ. މެޗުގައި ތިމަރަފުށީގެ ލަނޑު އަލީ ޝިފާއު ކާމިޔާބުކޮށްދިންއިރު އޮމަދޫގެ ލަނޑު ޖަހައިދިނީ މުޙައްމަދު އަލާއުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުޙައްމަދު ނާބިތުއެވެ.

މި ގުރޫޕުން އަތޮޅު ސެމީއަށް އެއްވަނައިގެ ގޮތުގައި ދަތުރުކުރި ތިމަރަފުއްޓަށް ތިން މެޗުން ހަތް ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ހިރިލަންދޫއަށް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ. އޮމަދޫ ތިން ޕޮއިންޓުން ފުއްދާލަން ޖެހުނުއިރު ފުލުގައި އޮތް ވަންދޫއަށް ވެސް ޕޮއިންޓެއް ލިބިފައިވެއެވެ.