ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ، 19 މޭ 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ޤާނޫނު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެވެ.
ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައި، އެ އެޖެންސީއަކީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ހަމަޖައްސަވައިފައިކަަމަށެވެ. މިކަން ޢިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ އިދާރީ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިފައިވާ އެޖެންސީއެއް ނަމަވެސް، އެ އިދާރާ ހިނގަމުންދާނީ ޤާނޫނު ނަންބަރު 30/2015 ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން، ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަޤިއްލު ބޯޑެއްގެ ދަށުންކަމުގައި ބަޔާންކުރައްވާފައިވެއެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ، 1138 ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/5 ވަނަ ދެންނެވުމުން ވަނީ އަންގަވާފައެވެ.