ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފިއެވެ.
މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ސިވިލް ކޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކެވެ.
ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ ކޯޓުގެ އިސްގާޟީ އަލްއުސްތާޛާ މަރިޔަމް ވަހީދު ވިދާޅުވީ، ސިވިލް ކޯޓަކީ އެންމެ ގިނަ މައްސަލަ ބަލަމުންދާ އެއް ކޯޓު ކަމަށެވެ. އަދި ޒަމާނީ ސިސްޓަމެއް ނެތުމުގެ ސަބަބުން އިދާރީގޮތުން ހުރި ހުރިހާ މައްސަލަތަކެއް މީގެ ކުރިން ބަލަހައްޓަމުން އައީ މެނުއަލްކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިސްގާޟީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާނެތީ، އެފަދަ މައްސަލަތައް މެނުއަލްކޮށް ބެލެހެއްޓުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، އިންޓަގްރޭޓެޑް ސިސްޓަމެއް ތައާރަފުކުރުމަކީ މަސައްކަތްތައް އަވަސްކުރުމަށާއި ހަރުދަނާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެއް ސިސްޓަމެއްގެ ތެރެއިން ކޯޓުގެ ހުރިހާ މައްސަލައެއްް ބަލަން ފެށުމުން މައްސަލަތަކުގެ ސްޕީޑު އަވަސްވެ، މެނުއަލްކޮށް ކުރާ ހުރިހާ މަސައްކަތްތައް އޮޓަމޭޓްކުރެވިގެންދާނެ. އަދި މައްސަލަތަކާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ޑިޖިޓަލައިޒްކޮށް އެއްތަަނަކުން ލިބިގެންދިއުމުގެ ސަބަބުން މައުލޫމާތު ހޯދުމަށްވެސް ފަސޭހަވެ އިންސާފު ގާއިމްކުރުމަށް މަގުފަހިވެގެންދާނެ." ސިވިލް ކޯޓުގެ އިސްގާޟީ އަލްއުސްތާޛާ މަރިޔަމް ވަހީދު ވިދާޅުވިއެވެ.
ސިވިލް ކޯޓަކީ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށި ދެވަނަ ކޯޓެެވެ. މި ސިސްޓަމް އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ކްރިމިނަލް ކޯޓުގައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ކްރިމިނަލް ކޯޓުގައި މި ސިސްޓަމް ބޭނުންކުރަމުންދާތާ 5 މަސްވެފައިވާއިރު، މިކަަމަށް އިޝާރާތްކުރައްވާ އެ ކޯޓުގެ އިސްގާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު ވަނީ މިފަދަ ސިސްޓަމެއް ގާއިމްކުރުމުގެ މުހިންމުކަމާއި، މީގެ ސަބަބުން ކޯޓުގެ އޮޕަރޭޝަންތަކަަށް އައިސްފައިވާ ފަސޭހަތައް ހިއްސާކުރައްވާފައެވެ.
"ކުރުކޮށް ޚުލަސާކޮށް ދަންނަވާނަމަ ދެންނެވޭނީ ހުރިހާ މައުލޫމާތެއް އެއްތަނަކުން ބެލޭ އަދި ޖަމާކޮށްފައިވާ ރައްކާތެރި ސޮފްޓްވެއަރ އަކަށް މި ސޮފްޓްވެއަރ ވެއްޖެޔޭ. އަދި އޭގެ އިތުރުން މައްސަލައިގެ ލިޔުންތައް ބެލެހެއްޓުމަށް ފަސޭހަ ސޮފްޓުވެއަރ އަކަަށް މި ސޮފްޓްވެއަރ ވެއްޖެޔޭ. އަދި ހަމައެއާއެކީގަ ޝަރީއަތްތައް ތަރުތީބުކުރަން ފަސޭހަ ސޮފްޓްވެއަރ އަކަށް މި ސޮފްޓްވެއަރ ވެއްޖެ." އިސްގާޟީ ވިދާޅުވިއެވެ.
މި އައު ސިސްޓަމާއެކު އަޑުއެހުންތަކަށް ބޭނުންވާ ކަންކަމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ސިވިލް ކޯޓުން ހާމަކުރި ގޮތުގައި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސަބަބުން ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަލުވިވެ، ފަސޭހަވެގެންދާނެއެވެ.