ޚަބަރު

މުހިއްމު ދާއިރާތަކުން ރާއްޖެއާއެކު ތަޖުރިބާ ހިއްސާކުރުމަށް އިންޑިއާ ތައްޔާރު


  • ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި

  • ލޮކް ސަބާގެ ފަރާތުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވި

ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް ތައްޔާރަށް އޮތްކަމަށް އިންޑިއާގެ ޤާނޫނުހަދާ މަޖިލިހުގެ ރައީސް، އޯމް ބިރްލާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޤާނޫނުހަދާ މަޖިލިހުގެ ރައީސް، މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲއާއެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް ވަނީ، ނިއު ދިއްލީގައި ކުރިއަށްގެންދާ ކޮމަންވެލްތުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28ވަނަ ކޮންފަރެންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި، މިފަދަ ކޮންފަރެންސެއް ރާވައި އިންތިޒާމުކުރުމަކީ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް ލޮކް ސަބާއިން ކުރަމުންދާ މުހިންމު މަސައްކަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ލޮކް ސަބާގެ ރައީސް، އޯމް ބިރްލާވަނީ، އިންޑިއާއިން ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މުވައްޒަފުން ތަމްރީނުކުރުމުގައި ލޮކްސަބާގެ ޕާލިމެންޓަރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް)ގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވިއެވެ.