މިއަހަރުގެ ފުރަތަމަ ކުއަރޓާރުގައި ރާއްޖެ އިޝްތހާރުކުރުމަށް ބޭރުގެ 5 މައުރަޒެއްގައި ބައިވެރިވާން ނިންމައި އެކަމަށް ތައްޔާރުވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ވިދާޅުވެއްޖެއެވެ.
މިއަހަރު ފުރަތަމަ ކުއަޓާގައި ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ވިދާޅުވީ، ހަރަކާތްތަކުގައި ބައިވެރިވުމުގެ މަޤުސަދަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފުޅާ މާކެޓުތައް ދެމެހެއްޓުން ކަމަށެވެ.
މިއަހަރު ދުނިޔޭގެ ފެންވަރުގައި ބާއްވާ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބައިވެރިވާނީ މިމަހުގެ 21 އިން 25އަށް ސްޕެއިންގެ މެޑްރިޑްގައި ބާއްވާ "ފިތޫރު 2026"ފެއަރގައެވެ. އަދި މިމަހުގެ 24 އިން 26ށް އެމެރިކާގެ ނިއުޔޯކްގައި ބާއްވާ "ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ"ގައި ބައިވެރިވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ދެ ހަރަކާތުގެ އެހީގައި ވިލާތާއި އުތުރު އެމެރިކާގެ މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ކުންފުނިން ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ ނިއުދިއްލީގައި ބާއްވާ "ސާޓޭ 2026" ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާނެއެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 25 އިން 27 އަށެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލާނީ މާޗް 3 އިން 5 އަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބާއްވާ، ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ "އައިޓީބީ ބަރލިން 2026" ގައި ބައިވެރިވެގެންނެވެ. މިއީ ޓުއަރ އޮޕަރޭޓަރުންނާއި، އެއަރލައިންތަކާއި، މީޑިއާ އަދި ވިޔަފާރީގެ ބައިވެރިންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ވީއެމްސީން ވިދާޅުވެއެވެ. މީގެ އިތުރުން، މާޗް 11 އިން 13އަށް ރަޝިއާގެ މޮސްކޯގައި ބާއްވާ "މިޓް މޮސްކޯ"ގައި ބައިވެރިވެ، ރަޝިއާ އަދި ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއެސްއައި) ރީޖަންގެ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ވީއެމްސީން ވަނީ ރާވާފައެވެ.
މެދުއިރުމަތީގެ ޤައުމަތަކަށް ޚާއްސަކޮށް، އަހަރުގެ ދެވަނަ ކުއާޓަރުގެ ހަރަކާތްތައް ފެށާއިރު، ކުވައިތު، ރިޔާޛް، އަދި ޖިއްދާގައި އޭޕްރިލް މަހުގެ 26އިން 30އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް ވީކް އިން އެރޭބިއާ" ރޯޑް ޝޯޥއާއެކުއެވެ. ކުރިއަރަމުން އަންނަ މި މާކެޓަށް އަމާޒުކޮށް ބޭއްވޭ މި ހަރަކާތާއެކު، ގަލްފް ސަރަޙައްދުން ރާއްޖެއަށް ފަތުރުވެރިން ގެނެއުމަށް ސިނާޢަތުގައި ހަރަކާތްތެރިވާ އެޖެންޓުންނާއި، އޮޕަރޭޓަރުންގެ އިތުރުން މީޑިއާއާއެކު ގުޅުންތައް ވަރުގަދަކުރެވޭނެއވެ.
ދެވަނަ ކުއާޓަރުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ފެއާ އަކީ މެއި މަހުގެ 4 އިން 7 އަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް 2026)އެވެ. 2025ވަނަ އަހަރުގެ އޭޓީއެމް އިން ލިބުނު ކާމިޔާބީއާއި އުފެދުނު ވިޔަފާރީގެ ގުޅުންތަކާ އެކު، މިއީ ވިޒިޓް މޯލްޑިވްސް އިން މިއަހަރު ބައިވެރިވާ އެންމެ ކާމިޔާބު ޓްރޭޑް ޝޯކަމަށް އެކުންފުނިން ބުނެއެވެ. މި މައުރަޒުގައި ބައިވެރިވެ، މެދުއިރުމަތީ ގައުމުތައް ހިމެނޭހެން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުން ބަދަހިކޮށް، ރާއްޖެ އިޝްތިހާރުކުރުމަށް އަދި ގުޅުންތައް ގާއިމުކުރުމާއި ވިޔަފާރީގެ އާ ފުރުސަތުތަކެއް ލިބިގެން ދާނެ ވީއެމްސީން ވިދާޅުވިއެވެ.
ދެވަނަ ކުއާޓަރުގައި ސިނާއަތުގެ މުހިންމު ބައިވެރިންނާ ގުޅިގެން މާކެޓް ރޯޑްޝޯތަކާއި ޕާޓްނަޝިޕް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވީއެމްސީން ވަނީ ނިންމާފައެވެ. މިއީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާއި، ރިސޯޓުތަކާއި ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ޔަގީންކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް ވީއެމްސީން ވިދާޅުވިއެވެ.
ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައި ފުޅާދާއިރާއެއްގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ވިޔަފާރިވެރިންގެ އިތުބާރު ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް "ވިޒިޓް މޯލްޑިވްސް"އިން ވިދާޅުވިއެވެ. އަދި މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާއިރު، ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ދިގުމުއްދަތުގެ ފައިދާއާއި ނަތީޖާ ހޯދައިދިނުމަކީ މުހިންމު އަމާޒެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.