ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ މެދުވެރިކޮށް ލިބެންހުރި ފުރުޞަޠުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް އޯޕަންޑޭގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ފަށައިފިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ 12 ސަރަޙައްދެއްގައި ޤާއިމް ކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުގައި މި އޯޕަންޑޭ މިއަދު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާއި ބީސީސީ މެދުވެރިކޮށް ވިޔަފާރިތަކަށް ލިބެންހުރި ފުރުޞަޠުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ހަރަކާތެއް ފެށިގެން ކުރިއަށްދާ ކަމަށެވެ.
މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ 12 ސަރަޙައްދެއްގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުގައި ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. މިހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ހއ.ދިއްދޫ، އިހަވަންދޫ، ހދ.ކުޅުދުއްފުށި ސިޓީ، ނ.މަނަދޫ، ޅ.ނައިފަރު އަދި ދ.ކުޑަހުވަދޫ އަދި ލ.ގަމުގެ އިތުރުން ގދ. ތިނަދޫ ސިޓީގައެވެ.
މީގެއިތުރުން، ގއ.ވިލިނގިލި، ފުވައްމުލައް ސިޓީ، ސ.ހިތަދޫ، އަދި އއ.ތޮއްޑޫގައި ހުންނަ ބިޒްނަސް ސެންޓަރުތަކުގައިވެސް މި ހަރަކާތް ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މާލޭގައި މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ބީސީސީގެ މައި އޮފީސް ހުންނަ މ.ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާގައެވެ. އަދި އަތޮޅުތެރޭގައި މިހަރަކާތް ކުރިއަށް ދާނީ، ބިޒްނަސް ސެންޓަރުތަކުގައެވެ. އޯޕަންޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް، އަދި މެންދުރު 1:00 ން ހަވީރު 3:00 އަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އޯޕަންޑޭގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރިން އެޕޮއިންޓްމަންޓް ހަދާކަށް ނުޖެހޭނެއެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބީސީސީ މެދުވެރިކޮށް ތަފާތު ގިނަ ފުރުޞަތުތައް ފޯރުކޮށްދެވެއެވެ. މީގެތެރޭގައި އުފެއްދުންތައް ވިއްކުމާއި، ވިޔަފާރީގެ ދާއިރާއިން ތަފާތު ތަމްރީން ޕްރޮގްރާމްތަކާއި، ވިޔަފާރި ފެށުމާއި ތަރައްޤީ ކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން ފަދަ ކަންކަން ހިމެނެއެވެ.
މިކަން ކަމާބެހޭ މަޢުލޫމާތުތައް އޯޕަންޑޭގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ބީސީސީން މިގޮތަށް އޯޕަންޑޭއެއް ބާއްވާ ފުރަތަމަ ފަހަރެވެ.