ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މި ސީޒަނުގައި، ލީގުގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރާނެ ފުރަތަމަ ޓީމަކަށް، ކްލަބް އީގަލްސް ވެދާނެކަމަށް އެ ޓީމު ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.
ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 1-4 އިން ހޯދި މޮޅާއެކު އީގަލްސް ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބާ ޕޮއިންޓަކާ ގާތަށް އީގަލްސްއިން ވަނީ ޖެހިލައިފައެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ހަނީފް ބުނީ، އީގަލްސް އިން މަސައްކަތްކުރަނީ ލީގު ތާވަލުގައި ދެވެން އޮތް އެންމެ މައްޗަށް ދާން ކަމަށާއި، ވަކި ޓީމަކާ ޕޮއިންޓުގެ ގޮތުން ކައިރިކުމަށް މަސައްކަތް ނުކުރާ ކަމަށެވެ.
މެޗުތައް ކުރިއަށްދާ ވަގުތު ހަނީފް ފާހަގަކުރެވެނީ ވަރަށް ހަމަޖެހިލައިގެން، ކުޅުންތެރިންނަށް މެޗުތެރެއިން މާ ބޮޑު ޕްރެޝަރެއް ނުކުރާ ކޯޗެއްގެ ގޮތުގައެވެ. އެއީ މާބޮޑު ޕްރެޝަރެއް ނެތީމައިތޯ ކުރި ސުވާލަށް ޖަވާބުދެމުން ހަނީފް ބުނީ، ހަގީގަތުގައި ހަމަޖެހިލައިގެން ހުންނަނީ ނޫން ކަމަށާއި، މެޗުތެރޭގައި ކުޅުންތެރިންނަށް މާ ބޮޑަށް "ހަޅޭއްލަވާ" ނަމަ އެ ކުޅުންތެރިންނަށް އުނދަގޫވާނެ ކަމަށެވެ.
އީގަލްސްއާ ހަވާލުވިއިރު ޓީމުގެ މެނޭޖްމަންޓުން ޙަވާލުކުރި ޓާސްކު، ގާތްގަނޑަކަށް ފުރިހަމަކުރެވިއްޖެކަމަށް ވެސް ހަނީފް ބުންޏެވެ.
"ޓީމާ ހަވާލުވިއިރު ޓީމު އޮތް ހާލަތާ ބަލައިފައި މިހާރު ވަރަށް ބޮޑަށް، އަނެއްހެން ބުނަންޏާ އަޅުގަނޑަށް ދިން ޓާސްކު އަނެއްހެން ފުރިހަމަވެފައި ކަހަލަ ގޮތަކަށް މިއޮތީ. އަނެއްހެން ހަމަޖެހިގެނެއް ނޫން. މޮޅެއް ހޯދަން އީގަލްސްއިން ނުކުންނާނީ. އަޅުގަނޑު ހަވާލުވިއިރު އެންމެ ޕޮއިންޓެއްގައި އީގަލްސް އޮތީ، އެންމެ ފުލުގައި. ސަލާމަތްވުން އަޅުގަނޑަށް ދީފަ އޮތް ޓާސްކަކީ. ހިސާބު ބަލަންޏާ އަނެއްހެން ދެން ބުނެވޭނީ ސަލާމަތްވެފައޭ މިއޮތީ. ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކޮންފިޑެންސް ދީގެން މި ކުޅުވަނީ. އެހެންވެ ކަންނޭނގެ ހާސްނުވެ އެ ކުޅެނީ. ކުޅުންތެރިންނަށް ބޭނުންވަނީ ކޮންފިޑެންސް ކަންނޭނގެ، މާ ބޮޑަށް ހަޅޭއްލަވާ އުޅުމަށްވުރެ. އެއީ އަޅުގަނޑު ގަބޫލުކުރާ އެއްޗެއް ނޫން، އަޅުގަނޑު ކުޅުނުއިރު އަޅުގަނޑަށްވެސް އުނދަގޫވޭ އެހާ ބޮޑަށް ހަޅޭއްލަވާ ހެދީމަ. އަޅުގަނޑު އެހެންވީމަ ކުރާނެ ކަމެއް ނޫން އެއީ". ހަނީފް ބުންޏެވެ.
ލީގުގައި އީގަލްސްއަށް ކުރިއަށް އޮތީ މާޒިޔާއާ ދެކޮޅަށް އޮތް މެޗެވެ. މާޒިޔާއިން މިފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ވެސް ބަލިވެފައި ނުވާއިރު 13 މެޗުން ވަނީ މޮޅުވެފައެވެ. މާޒިޔާ ވެސް ރަނގަޅު ފޯމެއްގައި އޮވެ، އީގަލްސްއިން ރަނގަޅު ފޯމެއްގައި އޮވެ ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މާޒިޔާގެ މައްޗަށް ކުރިހޯދައި އީގަލްސްއަށް ތިން ޕޮއިންޓު ހޯދިދާނެތޯ އެހުމުން ހަނީފް ބުނީ، މާޒިޔާ މި ސީޒަނުގައި ބަލިކުރާ ފުރަތަމަ ޓީމަކަށް އީގަލްސް ވެދާނެ ކަމަށެވެ.
"މާޒިޔާ ބަލިކުރާ ފުރަތަމަ ޓީމަކަށް އީީގަލްސް ވެދާނެ ހަމަ. އަޅުގަނޑުމެންގެ އުއްމީދަކީ ވެސް އެއީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވެސް ހަމަ އެކަމަށް. އިރާދަކުރެއްވިއްޔާ މާޒިޔާ ބަލިކުރެވެންޏާ ކުރަން އަޅުގަނޑުމެން މަސައްކަތްކުރާނީ" މާޒިޔާ މެޗަށް ނުކުންނައިރު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ހަނީފް ބުންޏެވެ.
ލީގުގައި މާޒިޔާއިން ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައިނުވާއިރު އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 14 މެޗުން 40 ޕޮއިންޓާއެކުއެވެ. އީގަލްސް ފަސްވަނައިގައި އޮތީ 14 މެޗުން 22 ޕޮއިންޓާއެކުއެވެ.
އީގަލްސްއިން އެންމެފަހުން ކުޅުނު ތިން މެޗަށް ބަލާއިރު ޔޫވީ ބަލިކުރުމުގެ އިތުރުން، ޓީސީ އަދި އޮޑީގެ މައްޗަށް ވެސް ވަނީ ކުރިހޯދާފައެވެ. އީގަލްސް އެންމެފަހުން މެޗަކުން ބަލިވެފައި ވަނީ މިދިޔަ މަހު ބުރު ސްޕޯޓްސް ކުލަބު އަތުންނެވެ.