ޚަބަރު

ރާއްޖޭގެ އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން މަޝްވަރާކޮށްފި


  • މި ބައްދަލުވުމުގައި ވަޒީރު ޠާރިޤާއި އައިރީނާގެ ޑައިރެކްޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންނެވި

  • މި ދާއިރާއިން ދެ ޤައުމުން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ތިމާވެށި ޙިމާޔަތް ކުރުމާއި، ރާއްޖޭގެ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އަބޫދާބީގައި ބޭއްވި މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހީމާއި، އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ، އައިރީނާގެ ޑައިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ހަކަތައިގެ ދާއިރާއިން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަނެ، އެކަމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ތިމާވެށި ޙިމާޔަތް ކުރުމާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ރާއްޖެއާއި އައިރީނާއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ ޖޮއިންޓް ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި މުޖުތަމައެއް ބިނާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.