ޚަބަރު

ދުންފަތުގެ ވިޔަފާރިކުރާ 400އަށްވުރެ ގިނަ ފަރާތަށް ވެންޑަރ ލައިސަންސް


  • ޓޮބޭކޯ އިމްޕޯޓް ލައިންސަންސް 31 ފަރާތަކަށް ވަނީ ދޫކޮށްފައި

  • ޓޮބޭކޯ ރީއެކްސްޕޯރޓް ލައިސަންސް 2 ފަރާތަކަށް

  • ދުންފަތުގެ ބާވަތްތައް ވިއްކަން ލައިސަންސް ނަގަންޖެހޭ

ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނުން ލާޒިމް ކުރާ ވެންޑަރ ލައިސަންސް 400 އަށްވުރެ ގިނަ ވިޔަފާރިތަކުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އެކި ބާވަތްތައް ވިއްކުމަށް ލައިސަންސް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ، ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާޙުތަކެއް ގެނެސް، ދުންފަތުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދޫކުރާ ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން، ޞިއްޙީ ވުޒާރާއިން ވިޔަފާރިތަަކަށް ވަކި ޚާއްޞަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި މި ގާނޫނަށް ގެނައި އިސްލާޙުގެ ތެރެއިން ރާއްޖޭގައި ވިއްކާ ދުންފަތުގެ ކޮންމެ ބާވަތެއްވެސް ރަޖިސްޓްރީ ކުރަން ޖެހެއެވެ. މިގެނައި ބަދަލާއިއެކު މިދިޔަ މަހާއި ހަމައަށް ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ގޮތުގައި 312 ބާވަތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

މީގެއިތުރުން އެޗްޕިއޭއިން ވިދާޅުވީ، ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނުން ލާޒިމް ކުރާ ވެންޑަރ ލައިސަންސް މިހާތަނަށް 437 ވިޔަފާރިއަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ޓޮބޭކޯ އިމްޕޯޓް ލައިންސަންސް 31 ފަރާތަކަށް، ޓޮބޭކޯ ރީ އެކްސްޕޯޓް ލައިސަންސް 2 ފަރާތަކަށް ދޫކޮށްފައިވާ ކަަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ސަބަބުން ލިބެމުންދާ ސިއްޙީ ގެއްލުން ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދާއެކު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތަކުގެ ދަށުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު ޢުމުރަކީ، 21 އަހަރު ކަމަށް މިހާރުވަނީ ކަނޑައަޅާފައެވެ. އަދި ދުންފަތުގެ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓުން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ.

މީގެ އިތުރުން 1 ޖެނުއަރީ 2007ން ފެށިގެން، އޭގެފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެ، ވިއްކުން މަނާކުރުމާއިއެކު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުން ދުންފަތާ ދެކޮޅަށް އަޅުއްވަމުން މިދާ ހަރުދަނާ ފިޔަވަޅުތަކަކީ، ރާއްޖޭގެ ރައްޔިތުން އެ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރި ކުރުމަށް އަޅުއްވާ ވަރަށް މުޙިއްމު ފިޔަވަޅުތަކެކެވެ. އެއީ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ އެންމެ ބޮޑު އެއް ހިރާސްއަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމުގައިވާތީއެވެ.