ޚަބަރު

ރާއްޖެ ސުޕާ ލީގު: ވާދަވެރިކަން ބޮޑުވި ތިންވަނަ ހޮވާ މެޗުން މޮޅުވީ ހުރާ


އަލަށް ފެށި ރާއްޖެ ސުޕާ ލީގުގެ ފަޚުރުވެރި ތިންވަނަ މަގާމު، ކ. ހުރާއިން ހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ ހުރާއިން ހޯދީ، ތިންވަނަ ހޮވި މެޗުގައި ށ. ފުނަދޫގެ މައްޗަށް 2-3 އިން ކުރިހޯދައިގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ހުރާއިންނެވެ. ދެ ޓީމުން ވެސް ދޫނުދީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓު ހުރާއިން ގެންދިޔައީ 24-26 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ވެސް ފެނިގެންދިޔައީ ހަމަ އެހާ ވާދަވެރިކޮށެވެ. ފަހަރަކު ޓީމަކުން ޕޮއިންޓެއް ހޯދަމުން ދިޔަ ކަހަލަ ގޮތަކަށް ފެނިގެންދިޔަ މި ސެޓު ވެސް ހުރާއިން ކާމިޔާބުކުރިއިރު އެ ޓީމުން މި ސެޓު ގެންދިޔައީ 23-25 އިންނެވެ.

ދެ ސެޓު ގެއްލުމުން ވެސް މާޔޫސް ނުވެ ފުނަދޫގެ ކުޅުންތެރިން ކަށިން ހިތްވަރު ނެރެ ދެއްކި މޮޅު ކުޅުމާއެކު އެ ޓީމުން ވަނީ ތިންވަނަ ސެޓު ގެންގޮސްފައެވެ. ހުރާގެ ކުޅުންތެރިންނަށް ވެސް މާބޮޑަށް ފަސޭހަކޮށްލެވުމުގެ އިތުރުން، ގޭމު ތެރެއަށް ވަދެ މޮޅު ކުޅުމެއް ފުނަދޫގެ ކުޅުންތެރިން ދެއްކި މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 16-25 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓު ވެސް ގެންދިޔައީ ފުނަދޫ ޓީމުންނެވެ. އެހެންނަމަވެސް ތިންވަނަ ސެޓު ގެއްލުމާއެކު ހުރާގެ ކުޅުންތެރިން ވަނީ އަލުން ގޭމު ތެރެއަށް ވަދެ ކުޅުން ރަނގަޅުކޮށްފައެވެ. ވަރަށް ވާދަވެރިކޮށް ފެނިގެންދިޔަ މި ސެޓު ފުނަދޫއިން ކާމިޔާބުކުރީ 22-25 އިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ޓައިބްރޭކް ސެޓުގައި ދެ ޓީމުން ވެސް މި މުބާރާތުގެ ތިންވަނަ މަގާމު ހޯދަން ވަރަށް ވަރުގަދަ އަޒުމެއްގައި ކުޅެމުންދިޔައިރު 13-15 އިން މި ސެޓު ކާމިޔާބުކޮށް، މި ފަޚުރުވެރި މަގާމު ހޯދީ ހުރާ ޓީމުންނެވެ.

މިރޭ މި މުބާރާތުގެ ފައިނަލް މެޗު ވެސް އޮންނާނެއެވެ. ފައިނަލްގައި ފެނިގެންދާނީ ލާމު އަތޮޅުގެ ވާދަވެރިކަމެވެ. އެއްކޮޅުން ގަން ފައިނަލުގައި ކުޅޭއިރު އިދިކޮޅުން ނުކުންނާނީ މައިބާދޫއެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅޭ މި މެޗު ފަށާނީ މިރޭ 20:25 ގައެވެ.