ހުރިހާ ކުޅުންތެރިން ފަރުވާތެރިކަމާއެކު ފަރިތަކުރުންތަކަށް ނާންނާތީ ނަތީޖާ ނެރުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗު ސްލޮވާކިއާގެ ޖޯޖްލީ ގެރީ ބުނެފިއެވެ.
ދިވެހި ލީގުގައި މާޒިޔާ އަތުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ބުނީ، ޓީމުގެ ކުޅުންތެރިން، ބައެއް ފަރިތަކުރުންތަކަށް ނައިސް އެހެން ކަންކަމުގައި ޝާމިލުވެ އުޅޭ ކަމަށެވެ. އެކަމުގެ ސަބަބުން ޓީމެއްގެ ގޮތުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަން އުނދަގޫވާކަމަށް އޭނާ ބުނެފައިވެއެވެ.
"ފަރިތަކުރުންތަކަށް ބަރާބަރަށް ކުޅުންތެރިން ނާންނަ މައްސަލަ މީގަ އޮތީ. އެކަމުގެ ސަބަބުން ޓީމެއްގެ ގޮތުގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވި، ރަނގު ނަތީޖާއެއް ނެރުމަށް ގޮންޖެހުންތަކެއް ކުރިމަތިވޭ. ރަނގަޅަށް ހުރިހާ ފަރިތަކުރުންތަކެއްގައި ހުރިހާ ކުޅުންތެރިން ބައިވެރި، އެންމެން ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކޮށް، ނަސީބު ވެސް ކޮންމެވެސް ވަރަކަށް އެހީތެރިވެއްޖެއްޔާ ވިކްޓްރީ އަކީ މާޒިޔާ ކަހަލަ ޓީމުތައް ކައިރިން ވެސް މޮޅުވެވޭނެ ޓީމެއް". ކޯޗު ޖޯޖްލީ ގެރީ ބުންޏެވެ.
ކޯޗު އިތުރަށް ބުނީ، ވިކްޓްރީގެ ކުޅުންތެރިންނަކީ ފެންވަރު ހުރި މޮޅެތި ކުޅުންތެރިންތަކެއްކަމަށްވީ ނަމަވެސް، މެޗުގައި ގޯސްތަކެއް ހެދި، މާޒިޔާއިން ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުން މެޗުން ބަލިވީ ކަމަށެވެ.
ފަރިތަކުރުންތަކުގައި ބައިވެރިނުވެ ކުޅުންތެރިން އެހެން ކަންކަމުގައި ޝާމިލުވެ އުޅޭކަމުގެ ކަންބޮޑުވުން ވިކްޓްރީގެ ކޯޗު ފާޅުކުރިއިރު، ރާއްޖޭގައި ކެރިއަރެއްގެ ގޮތުގައި ފުޓުބޯޅަ ބައްޓަންވެފައި އޮތްގޮތުން، ހަމައެކަނި ޓީމަކަށް ކުޅެގެން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސެނީ މަދު ކުޅުންތެރިއަކަށެވެ.
މިއާއެކު އިތުރު ވަޒީފާތައް ވެސް ކުޅުންތެރިން އަދާކުރާއިރު، ފަރިތަކުރުންތައް އޮންނަ ގަޑިއަށް ކުޅުންތެރިންނަށް ރިލީޒް ނުލިބިވެސް ދެއެވެ. އަދި އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، ރާއްޖޭގައި ބާއްވާ އެކިއެކި މުބާރާތްތަކުގައި ވެސް ކުޅުންތެރިން ބައިވެރިވާން ޖެހުން މިއީ، ކަންބޮޑުވުން އޮތް ނަމަވެސް އަދި ހައްލެއް ގެނެވެން އޮތް ކަމެއް ނޫނެވެ.
މިފަދަ މައްސަލަތަކަށް ހައްލު ގެނެވޭނީ، ދެމެހެއްޓެނިވި ގޮތެއްގައި ކުލަބުތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިވެ، ކުޅުންތެރިންނަށް އެކަށީގެންވާ އުޖޫރައެއް ދެވެން ފަށާ ހިސާޞުންނެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އަތުން ވިކްޓްރީ ބަލިވިިއިރު، މި ބައްޔާއެކު ވިކްޓްރީ ވަނީ ތާވަލުގެ އެއް ދަރަޖަ ފަހަތަށް ވެއްޓީފައެވެ. މި ހަފްތާގެ މެޗުތައް ފެށިއިރު ފަސް ވަނައިގައި ވިކްޓްރީ އޮތްނަމަވެސް، ވިކްޓްރީއަށްވުރެ އެއް ޕޮއިންޓު މަދުން ލިބި ހަވަނައިގައި އޮތް އީގަލްސް އިން ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ހޯދި މޮޅާއެކު ލިބުނު ތިން ޕޮއިންޓާއެކު ވަނީ ވިކްޓްރީއަށް ވުރެ މައްޗަށް ޖެހިލާފައެވެ.