ކަނޑުގެ އަޑިން، ޗަކަބިމުގައި އުފެދިފައި ހުންނަ އަގުބޮޑު މައުދަނުތައް ހޯދުމަށްޓަކައި، ޖަޕާންގެ މައިނިންގ އުޅަނދެއް ދަތުރު ފަށައިފިއެވެ. މިއީ ދުނިޔޭގައި، ކަނޑުގެ އަޑިން ގާތްގަނޑަކަށް ހަ ކިލޯމީޓަރުގެ ފުނުގައި ހުންނަ ޗަކަ، ކަނޑުގެ އުޅަނދަކަށް ނަގަން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ޖަޕާންގެ ވެރިރަށް ޓޯކިޔޯގެ އިރުދެކުނުން ގާތްގަނޑަކަށް 1،200 މޭލު ދުރުގައި މިނަމިޓޯރީ ނަމަކަށް ކިޔާ ޖަޒީރާ ރަށް ކައިރީގައި، ކަނޑުގެ އަޑިން މައުދަނުތައް ހޯދުމުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހު އެ އުޅަނދު ޙަރަކާތްތެރިވާނެއެވެ.
އިލެކްޓްރޯނިކް ސާމާނާއި އަސްކަރީ ގިނަ އާލަތްތައް އުފެއްދުމުގައި ބޭނުންކުރާ މައުދަނުތައް ހުޅަނގުގެ ބައެއް ޤައުމުތަކާއެކު، ޖަޕާނުން ވެސް ފަށާފައިމިވަނީ، ޗައިނާއާއެކު އޮންނަ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޖަޕާންގެ ސަރުކާރުން ހިންގާ މި މަޝްރޫޢުގައި އިސްކޮށް ހުންނެވި ޝިއޯޗީ އިޝީ ރޮއިޓަރސް ނޫހަށް ވިދާޅުވި ގޮތުގައި، މިއީ ހަތް އަހަރު ދުވަހުގެ ތައްޔާރީތަކަށްފަހު ފެށުނު މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ މިއީ، ޖަޕާނަށް މިފަދަ މައުދަނުތައް ހޯދުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ގާތްގަނޑަކަށް 130 އެއްހާ ފަޅުވެރިންނާއި ތަޙުލީލުކުރާ މީހުން ގޮވައިގެން މި ކުރާ ދަތުރަށްފަހު، އެނބުރި އައުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 14ވަނަ ދުވަހުއެވެ.
ޖަޕާނާއި ޗައިނާ އާދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، މަދަނީ އަދި އަސްކަރީ ބޭނުންތަކުގައި ބޭނުންކުރާ މައުދަނުތައް ޖަޕާނަށް އެކްސްޕޯޓުކުރުން ޗައިނާއިން މިވަގުތު ވަނީ ވަރަށް ބޮޑަށް ތާށިކޮށްފައެވެ. އަދި އިތުރު މައުދަނުތަކުގެ އެކްސްޕޯޓު ވެސް ހިފެހެއްޓުމަށް ޗައިނާއިން ވިސްނަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
2010ވަނަ އަހަރު ވެސް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވުމާ އެކު، ޗައިނާއިން ވަނީ ޖަޕާނަށް މައުދަނުތައް އެކްސްޕޯޓުކުރުން ތާށިކޮށްފައެވެ. އޭގެފަހުން، ޖަޕާނުގެ ކާރު އުފައްދާ ސިނާއަތުގައި ކޮންމެހެން ބޭނުންވާ މައުދަނުތައް އޮސްޓްރޭލިޔާ ފަދަ އެހެން ޤައުމުތަކުން ހޯދުމުގެ މަސައްކަތް ފަށައި، ޗައިނާއަށް ބަރޯސާވުން މިހާރު ވަނީ 90 އިންސައްތައިން 60 އިންސައްތައަށް މަދުކޮށްފައެވެ.
ގާތްގަނޑަކަށް 250 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކޮށްގެން ޖަޕާނުން ފެށި މި މަޝްރޫޢަކީ، އަގުބޮޑު މައުދަނުތައް އަމިއްލަ ސަރަޙައްދުތަކުން ހޯދުމަށް ފެށި ފުރަތަމަ މަސައްކަތެވެ.