ޚަބަރު

އަތޮޅު ތެރޭގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރަން ފަށައިފި


  • މާލެއާއި އަތޮޅުތެރޭގައި 95 ޓްރެއިނަރުން ހަރަކާތްތެރިވާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އަތޮޅު ތެރޭގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެއާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވާނެއެވެ. މާލެ ސަރަޙައްދުގެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށް ގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތުގެ ތަމްރީންތައް ކުރިއަށް ދާނެ ކަަމަށް އީސީއިން ވިދާޅުވިއެވެ. މީގެ އިތުރުން ވޯޓު ގުނުމުގެ ތަފްސީލީ މަޢުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ތަމްރީންތަކުގެ ތެރޭގައި އަމަލީގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިމަހުގެ 3 އިން 9 އަށް ވަނީ ބާއްވާފައެވެ. ސީއެޗްއެސްސީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 100 އަށްވުރެ ގިނަ ޓްރެއިނަރުން ތަމްރީނު ކޮށްފައިވެއެވެ. މި ޓްރެއިނަރުންނަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތައް ކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.