އީރާނުގެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މުޒާހަރާތަކުގައި މިހާތަނަށް 500އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހާމަކޮށްފިއެވެ.
އީރާނާއި އީރާނުން ބޭރުގައި މަސައްކަތްކުރާ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ނެރެފައިވާ އެންމެ ފަހުގެ ހިސާބުތަކުގައި ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 490 މީހުން އަދި ސަލާމަތީ ބާރުތަކުގެ 48 މީހުން މަރުވިކަން ޔަގީންކޮށްދީފައެވެ. އަދި ހަމަނުޖެހުންތަކުގައި 10،600 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ. ނަމަވެސް އީރާނުން އަދި މި އަދަދުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއެކު، އެކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ ތެހެރާނުން އެމެރިކާގެ އަސްކަރީ މަރުކަރުތަކަށް ހަމަލާދޭނެ ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަަކަކީ 2022ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރަމުންދާ އެންމެ ބިޔަ މުޒާހަރާތަކެވެ. ދުވަހެއް ދުވަހަކަށް އެ މުޒާހަރާތައް ވަރުގަދަވަމުންދާ ކަމަށް ވަނީ ފާހަގަވެފައެވެ. އީރާނުގެ ރައްޔިތުންނަށް ލިބިފައިވާ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްޤަށް ސަރުކާރުން ފުރަތަމަ އިހްތިރާމު ކުރަމުންދިޔަ ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ ހައްޤު ކަށަވަރުކޮށްދެމުން ޤައުމުގެ މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޙާމަނާއީ ވަނީ މުޒާހަރާގެ ބައިވެރިންނަކީ މުދަލަށް ގެއްލުންދޭ ބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.