ޚަބަރު

ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް


  • ޓެކްސީލައިނަށް 407 ޑްރައިވަރުން ބޭނުންވޭ

  • ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުން ބޭނުންވޭ

މިސަރުކާރުން ފަށާ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އަންނަ ހޮނިހިރު ދުވަހު ވޯކިން އިންޓަރވިއުތައް ބޭއްވުމަށް އެމްޓީސީސީއިން ނިންމައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ވަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުންނާއި، ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އެމްޓީސީސީން ވަނީ، ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.

މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފު ކުރުމަށް ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް މިޚިދުމަތް ހެދުމަށެވެ.

ވަޒީރު އަމީން މީގެކުރިން ވިދާޅުވެފައިވަނީ، ރާއްޖެއިން ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކަކަށްވުމާއެކު، އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

މިކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލަކަށް ވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެ ގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ނުވަތަ ބަދަލުތައް ގެންނަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މި ޚިދުމަތް ފެށުމަށް ލަސްވަމުންދާ މައިގަނޑު ސަބަބު ކަމަށާއި، ނަމަވެސް އެ ބަދަލުތަކާއެކު އުޅަނދުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށެވެ.