ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަޖެހުނު ކަމުގައިވިޔަސް އެފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް ކަނޑާނުލާނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 އަށްވުރެ ގިނަ ފަރާތަކަށް ދައުލަތުގެ ވަޒީފާ ހަމަޖައްސައިދެއްވާފައިކަމަށް ވިދާޅުވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިވިލް ސާވިސްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދު ފުއްދެވުމަށް އެކަމާއި ގުޅޭ އެކި އިޖުރާތްތައް ކަނޑައަޅައި، މިހާރު ވަޒީފާ ފުރުސަތު ދައުލަތުގެ އެކި އިދާރާތަކާއި އެކި ކުންފުނިތައް މެދުވެރިކޮށް ހޯދައިދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ "ތަރުޖަމާނާއެކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ވަޒީރު ޑރ. އަޢިޝަތު ޝިހާމް ވަނީ މިމަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް 356 ކުދިންނަށް ވަޒީފާގެ ފުރުސަތު އެކި އިދާރާތައް މެދުވެރިކޮށް ހޯދައި ދީފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިމަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ މިހާރުވެސް އެކި އިދާރާތަކައި ކައުންސިލްތަކާއި އަދި އެނޫންވެސް ދައުލަތުގެ އެތެރޭގެ ހުރި އެކި މުޢައްސަސާތައް މެދުވެރިކޮށް އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިމަސައްކަތް ފެށުމާއެކު ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އުނިވެގެން ހިނގައިދާނެކަމުގެ ކަނބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެލަވަންސަކީ ޤާނޫނުގެ ތެރެއިން ދޭ އެއްޗެއް ކަމަށާއި ޤާނޫނޫގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ހުއްޓިގެން ނުދާނެކަމަށެވެ.
"އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރޭގައި އެބަހުރި ޤާނޫނުން ލާޒިމް ކުރާ ބައެއް އެލަވެންސްތަކެއް. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެލަވެންސަކީ ޤާނޫނުން ލާޒިމް ކުރާ އަދި އެހެން އެލަވެންސެއް ލިބުނަސް ލިބޭ އެލަވެންސެއް. އެންސްޕާއާއި އެހެން ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ރައްކާތެރިވޭ ޤާނޫނީ ގޮތުން މި އޮންނަ ގޮތަށް މިކަންތައް ކުރަން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ވަޒީފާގެ ފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ މުސާރައަކީ އެހެން ފަރާތްތަކާއި އެއް ހަމައަށް މުސާރައެއް ކަމަށް ވިދާޅުވެފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ މުސާރައިގެ އެއްވެސް ފަރަޤެއް ނުގެންގުޅޭކަން ވަޒީރު ފާހަގަކުރެއްވިއެެވެ. އަދި މިގޮތަށް ލިބޭ އާމްދަނީ ޢާއިލާގެ ޚަރަދުތައް ބައެއް ފަހަރު ހަމަޖައްސާކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު އައިޝަތު ޝިހާމް ވިދާޅުވިއެވެ. ކުރިމަގުގައި މި ނިޒާމު އިތުރަށް ހަރުދަނާވެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު މުޖްތަމަޢު ދެކޭގޮތް އެއްކޮށް ބަދަލުވެގެން ދިއުމަކީ އުއްމީދެއްކަމަށް ވަޒީރު އާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކެމްޕެއިންގެ ތެރެއިން އެފަދަ ކުދިންނާއި ޢާޢިލާތަކާއެކު ބޭއްވި ބައްދަލުވުންތަކުގައި އެފަރާތްތަކުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާާއެކުކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން ވަނީ މިފަދަ ފަރާތްތަކަށް ވަޒީފާ ފޯރުކޮށްދިނުމުގެ އިތުރަށް ދޭންޖެހޭ ތަމްރީނުތައްވެސް ދެވި ވަޒީފާގެ މާހައުލުގައި ހަރަކާތްތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.