ޚަބަރު

‎ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި


  • 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން ގަންނާނެ

  • ކަނޑުއޮތްގިރިން ކަޅުބިލަމަސްވެސް ގަންނާނެ

މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މިހާރު ވަނީ ރަސްމީކޮށް ކަންނެލި ގަންނަން ފަށާފައެވެ. މި މަސައްކަތް ފަށާފައި މިވަނީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

މިކަމާ ގުޅޭގޮތުން މަަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނަށާއި، ބޮޑު ކަންނެލީގެ މަސްވެރިންނަށްވެސް ވަރަަށް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ފަރާތްތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުން ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ފަރާތްތަކުން އެދެމުންދިޔަ ކަންތައްތައް ހާސިލްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިއްޔެެއަކީ ރަސްމީކޮށް މިފްކޯއަށް ބޮޑު ކަންނެލި ކިލޯއަކަށް 25ރ. މަގުން ގަންނަން މި ފެށުނީ. މިއީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ފެށުމެއް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނައުމަށްފަހު އެތަނުން މަސްވެރިންނަށް ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"މިހާރު ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް ބޮޑު ކަންނެލި މަސްވެރިންގެ އަތުން މަސް ގަންނަން މި ފެށީ. އެގޮތުން 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން މި ކަނޑުއޮތްގިރިންނާއި، މި ސަރަަހައްދުން މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާނަން" މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކަނޑުއޮތްގިރިއަށް ކަޅުބިލަ މަސްވެސް މިހާރު ގަންނަން ފާށާފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ބޮޑު ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީއެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީ އާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްޤީކުރާ މި ފެސިލިޓީގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.