ސައުދީ އަރަބިއްޔާގެ އަލް އިއްތިޙާދާއެކު އެ ޓީމުގެ ތަރި ކަރިމް ބެންޒެމާ ހަދާފައިވާ އެއްބަސްވުން އޭނާ އައުކުރާނެކަމަށް ގަބޫލުކުރާކަމަށް އެ ކުލަބުގެ ޑިރެކްޓަރު ރަމޮން ޕްލޭންސް ބުނެފިއެވެ.
އުމުރުން 38 އަހަރުގެ ބެންޒެމާ، އިއްތިޙާދާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ އިއްތިޙާދާ ގުޅުނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައެވެ.
އިއްތިޙާދުން ބެންޒެމާ އެ ކުލަބުގައި މަޑުކުރުވަން ބޭނުންވި ނަމަވެސް، ފްރާންސް ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ އެ ކުލަބު ދޫކޮށްލާނެއެވެ.
މިކަމާ ގުޅޭގޮތުން މީގެކުރިން ބެންޒެމާއަށް ކުރިމަތިކުރުވި ސުވާލުތަކަށް އޭނާ ޖަވާބުދޭން އުޒުރުވެރިވިއެވެ. ބެންޒެމާ ބުނީ، އޭނާގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމާ ހަމައަށް، އިއްތިޙާދުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ޒިންމާ އެންމެފުރިހަމައަށް އަދާކުރާނެ ކަމަށެވެ.
ބެންޒެމާގެ ވާހަކަ މިހެން ހުރިނަމަވެސް ޕްލޭން ގަބޫލުކުރާ ގޮތުގައި އިއްތިޙާދުގައި ވެސް އަދި ސައުދީގައި ބެންޒެމާ ހުރީ ހިތްހަމަޖެހިގެންނެވެ. އޭނާ އެ ކުލަބު ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޕްލޭން ގަބޫލުކުރެއެވެ. އަދި ކުލަބުން ބޭނުންވަނީ ބެންޒެމާގެ އެއްބަސްވުން އައުކުރަން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ބެލަންޑޯ އެވޯޑު ވެސް ޙާސިލްކޮށްފައިވާ ބެންޒެމާ. ފްރީ އެޖެންޓެއްގެ ގޮތުގައި އަލް އިއްތިޙާދާ ގުޅުނީ 106 މިލިއަން ޑޮލަރަށެވެ.
ކާމިޔާބު 17 އަހަރު ރެއާލް މެޑްރިޑުގައި ހޭދަކުރުމަށްފަހު ބެންޒެމާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން އިއްތިޙާދަށް ބަދަލުވިއިރު، ރެއާލްއާއެކު ލަލީގާ ހަތަރު ފަހަރު، ކޮޕާ ޑެލްރޭ ތިން ފަހަރު، ސްޕެނިޝް ސުޕާ ކަޕް ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.
އަލް އިއްތިޙާދާއެކު ބެންޒެމާ ވަނީ ސައުދީ ޕްރޯ ލީގު އެއްފަހަރު އަދި ކިންގްސް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.