ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް "ދަނޑުވެރިޔާ" އެޕް ރޯދަ މަހުގެ ކުރިން ބޭނުން ކުރަން ތައްޔާރު ވަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދަނޑުވެރިޔާ އެޕަކީ، 2023 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ވެބް އެޕްލިކޭޝަނެކެވެ. އެހެންނަމަވެސް މިހާރު މިވަނީ މޯބައިލް ފޯނުން މެދުވެރިކޮށްވެސް މި އެޕްލިކޭޝަން ބޭނުންކުރެވޭ ގޮތް ހަދާފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ، އިފާޑުގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުގެ ދަށުންނެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ރަށުގެ ދަނޑުވެރިކަން ތަރައްޤީ ކުރުމަށް އަމާޒު ކޮށްގެން މަޝްރޫޢުތައް ހިންގުމާއި، ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މޯބައިލް އެޕްލިކޭޝަނެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ، ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންގެ ބީޓާ ވަރޝަންގެ ޓެސްޓިން މަރުހަލާ ނިމިފައިވާ ކަމަށެވެ.
ބީޓާ މަރުހަލާގައި ދަނޑުވެރިން ފާހަގަކުރި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެކަން ނިމި ރޯދަމަހުގެ ކުރިން ޕައިލެޓް ސަރަހައްދުތަކުގައި އެޕް ބޭނުން ކުރަން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
މިއެޕްލިކޭޝަންގައި ހުންނަ ފަންނީ މައުލޫމާތުތައް ހުރިހާ ފަރާތްތަކަށްވެސް ފެންނާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. އަދި އެޕްލިކޭޝަންގެ ފޯރަމާއި، ދަނޑުވެރި ބާޒާރުގެ ޚިދުމަތް ލިބޭނީ އީފާސް މެދުވެރިކޮށް ލޮގްއިން ވެގެން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތެއް އެއް ތަނަކުން ލިބޭ "ދަނޑުވެރިޔާ" ވެބްސައިޓް އިފްތިތާޙުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ތެރޭގައެވެ.