މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލުގެ ޖާގައެއް މިސްރުން ހޯދައިފި އެވެ.
މިސްރުން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
މޮރޮކޯގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި މި ދެ ޓީމު ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި މިސްރުގެ އުމަރު މަރްމޫޝް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ 32 ވަނަ މިނިޓުގައި މިސްރުގެ ރާމީ ރާބިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އައިވަރީ ކޯސްޓް އިން މި މެޗުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑަކީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް މިސްރުގެ އަހުމަދު އަބޫ އަލްފަތޫހް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މިސްރުން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ކެޕްޓަން މުހައްމަދު ސަލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.
އައިވަރީ ކޯސްޓް އިން މެޗުގެ ދެވަނަ ހާފުގައި ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅު ކޮށްފަ އެވެ. އަދި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތުން މެޗުގެ 73 ވަނަ މިނިޓުގައި ގުއޭލާ ޑުއޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު މުބާރާތުގެ ސެމީ ފައިނަލުގައި މިސްރު ނިކުންނާނީ ސެނެގާލް އާއި ދެކޮޅަށެވެ. ސެނެގާލް އަކީ 2021 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި މިސްރު ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ މޮރޮކޯ އާއި ދެކޮޅަށް ނިކުންނާނީ ނައިޖީރިއާ އެވެ. ނައިޖީރިއާ އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އަލްޖީރިއާ އާއި ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލް މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.