ޚަބަރު

ބާޒާރުމަތީ މަގު ހެދުން: 48 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފި


  • ފެން ހޮޅި އެޅުމުގެ %50 މަސައްކަތް ވަނީ ނިމިފައި

  • އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ހަމަޖެހިފައިވޭ

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިމިއްޖެއެވެ.

ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ފެން ހޮޅި އެޅުމުގެ %50 މަސައްކަތް ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން 48 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެމްޓީސީީސީން ވިދާޅުވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.

އެމްޓީސީސީގެ އަމާޒަކީ، ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް މަގު ހުޅުވާލުމެވެ.