ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވުމުން، ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިފައިން ފޮނުވުމުގެ ތައްޔާރީތަކަށް އިނގިރޭސިވިލާތުން 270 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ސުލްޙަ ޤާއިމުކުރެވުމަށްފަހު، އަލުން ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދިނުން ހުއްޓުވައި، ސަލާމަތީ ގޮތުން ޔޫކްރެއިނަށް އެހީވުމަށް ވިލާތުގެ ބޮޑެތި ޤައުމުތަކުން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުސްވި ހަފްތާގައި ބޭއްވި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ އާއި ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެޚްރަން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޙަރަކާތްތެރިވާނެ ބައިނަލްއަޤްވާމީ ފައުޖަކާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ.
ޔޫކްރެއިނަށް އިއްޔެ ކުރެއްވި ދަތުރުފުޅަށްފަހު، އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ޖޯން ހީލީ ވިދާޅުވި ގޮތުގައި، އެ ފަންޑު ބޭނުންކުރާނީ އަސްކަރީ އާލަތްތައް ތައްޔާރީ ޙާލަތަށް ގެނައުމުގެ އިތުރަށް އިނގިރޭސިވިލާތުގެ ސިފައިން ޔޫކްރެއިނަށް ފޮނުވުމުގެ ތައްޔާރީތަކަށެވެ.
މެޚްރަން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، "މަލްޓި-ނެޝަނަލް ފޯސް ފޮރ ޔޫކްރެއިން" އެކުލަވާލައި ފައުޖުގައި ފަރަންސޭސިވިލާތުގެ އެތަކެއް ހާސް ސިފައިން ބައިވެރިކުރުވަން ވަނީ ނިންމައިފައެވެ. ނަމަވެސް، އެ ފައުޖުގައި އިނގިރޭސިވިލާތުން ބައިވެރިކުރާނެ ސިފައިންގެ ސީދާ ޢަދަދެއް ސްޓާމަރ އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް، ތައްޔާރިތަކަށް ވަކި ބަޖެޓެއް ކަނޑައަޅައިގެން މަސައްކަތް ފެށުމަކީ، އިނގިރޭސިވިލާތުން މިކަމުގައި ބައިވެރިވާނެކަމުގެ އިތުރު ޔަޤީންކަމެއް ޔޫކްރެއިނަށް ލިބޭނެކަމެއް ގޮތުގައި ހީލީ ވަނީ ސިފަކުރައްވައިފައެވެ.
ރަޝިޔާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، މުސްތަޤުބަލުގައި ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވިލާތުގެ ބޮޑެތި ބައެއް ޤައުމުތަކާ ބައިވެރިވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ވެސް މިހާރު ވަނީ ދީފައެވެ.