އިންތިޚާބާއި ކައިރިކޮށް ދައުލަތުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައީ ރަނގަޅު ބަދަލެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އޭސީސީން ވިދާޅުވީ، އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަމުގެ މައްސަލަތައް މީގެކުރިން އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެކޮމިޝަނުން ވަނީ، އިންތިޚާބާއި ދިމާކޮށް ނާޖާއިޒު މަންފާ ނެގުން ހުއްޓުވުމަށް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާޙަކީ ރަނގަޅު އިސްލާޙެއް ކަމަށް ވިދާޅުވެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެންޓި ކޮރަޕްޝަންގެ ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން، އެޑިއުކޭޝަން އެންޑް އެޑްވޮކަސީ ޢަލީ ޝަމީމް އާދަމް ވިދާޅުވީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންތިޚާބުތަކާއި ގުޅިގެން ދައުލަތުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.
ޝަމީމް ވިދާޅުވީ، މީގެކުރިން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކައުންސިލު މެންބަރުންގެ ގޮތުގައި ތިއްބަވާ އެކި ފަރާތްތަކުން ކައުންސިލްތަކުގެ ވަޞީލަތްތަކާއި މަޤާމުތައް އިންތިޚާބުގައި ކާމިޔާބު ހޯދުމަށް ބޭނުން ކުރާކަން އެނގިފައިވާ ކަމަށެވެ.
"މިގޮތަށް މި ބަދަލުތައް ގެނައުމަކީ ވަރަށް ރަނގަޅު ކަމެއް، އެއީ އަޅުގަނޑުމެންނަށް މީގެކުރިން އެބަހުރި ފާހަގަވެފައި އިންތިޚާބާއި ކައިރިވީމަ، މިހާރުވެސް ކައުންސިލްތަކުގައި ކައުންސިލަރުންގެ ގޮތުގައި ތިބޭ ފަރާތްތަކުން ނާޖާއިޒު ގޮތުގައި އެތަންތަން ބޭނުން ކޮށްފައި. ރަށްރަށުގައި ހުރި ބިންތައް ކުއްޔަށް ދިނުމާއި، އެގްރިމެންޓްތައް އައު ކުރުމާއި، ވަޒީފާތައް ދިނުމާއި، މިކަހަލަ ކަންތައް ކުރެވިފައި ހުރީ. އެހެންވީމަ މި ޤާނޫނުގެ ސަބަބުން އެބައި ވަރަށް ބޮޑަށް މަދުވާނެ ކަމަށް މި ބެލެވެނީ " ޝަމީމް ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން ގެނައި އިސްލާޙަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ، ޢަމަލުކުރަން ފަށާފައެވެ. މި އިސްލާޙުގެ ދަށުން ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރު ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށް ދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާ ބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެއެވެ.
ލާމަރުކަޒީ ޤާނޫނުގެ ތެރެއިން މި ބަދަލުތައް ގެނެސްފައިވާއިރު، އެކި ސަރުކާރުތަކުގައިވެސް އިންތިޚާބުތަކާއި ދިމާކޮށް މިގޮތަށް ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ތަން ފެންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވިއެވެ. އެހެންކަމުން އެގޮތަށް އިންތިޚާބުތަކާއި ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތް ހެދުން މުހިންމުކަން އޭސީސީގެ ޑިރެކްޓަރ ޝަމީމް ފާހަގަކުރެއްވިއެވެ.
އޭސީސީން ވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ކުރަމުންދާ މަސައްކަތްތައްވެސް ޙިއްސާ ކޮށްދެއްވާފައެވެ. އެކޮމިޝަނުން ވިދާޅުވީ، އިންތިޚާބާއި ގުޅިގެން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި އިދާރާތަކާއި ގުޅިގެން އިންތީޚާބީ ކުށްތަކަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކަމަށެވެ. އިލެކްޝަން ކޮމިޝަނާއި ގުޅިގެން މިހާތަނަށްވެސް ބައެއް ރަށްތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިންތިޚާބީ ކުށްތަކަށް އާންމުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވިއެވެ.