ޚަބަރު

ކުރިއަށް އޮތް ފަސް މެޗަކީ ފަސް ފައިނަލް: ނިސްތާރު


ދިވެހި ލީގުގައި ކްލަބް ގްރީންސް ޓްރީޓްސްއަށް ކުރިއަށް އޮތް ފަސް މެޗަކީ ފަސް ފައިނަލް މެޗުކަމަށް އެ ކުލަބުގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.

ބުރު ސްޕޯޓްސް ކުލަބާ ވާދަކޮށް 1-3 އިން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިސްތާރު ބުނީ، މިހާރު އަމާޒަކީ ލީގު ތާވަލުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުން ކަމަށާއި އެ މަގާމު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ޓީމުގެ ފަރިތަކުރުންތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުގެންދެވުން އެއީ ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ނިސްތާރު ބުންޏެވެ.

"ޕްރެކްޓިސްއާ އެއްޗެހި އަޅުގަނޑުމެން މިދަނީ ދަށްކޮށް. ވަރަށް ގިނަ ޕްލެޔާސް އެތަން މިތާ އުޅެފަ މެޗަށް އެ އައީ. އެހެންވީމަ އެއީ ފުޓުބޯޅައިގައި އަސްލު ވޯކް ކުރާނެ އެއްޗެއް ނޫން. ލަކް ވެސް އަންނާނީ ބޮޑަށް ވޯކް ކުރާ ބަޔަކަށް. އޭތި ކަންނޭނގެ އަސްލު ބޮޑަށް މި ފެންނަނީ. ކުރިއަށް މިއޮތް ފަސް މެޗަކީ ފަސް ފައިނަލް. ޓީމު ކުދިން އެއްވެގެން އެވާހަކަ އެ ދައްކަނީ. ތިމަންނަމެން މީތި ނަގަންޏާ އެންމެން އެއްކޮށް ވޯކް ކޮށްގެން ޕްރޮފެޝަނަލް ޓީމެއްހެން އައިސްގެންނޭ މިކަން ކުރެވޭނީ". ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އިން ކުރިއަށް އޮތް ފަސް މެޗަށް ނުކުންނާނީ އެއީ ފަސް ފައިނަލްކަމަށް ދެކިގެންކަމަށް ނިސްތާރު ބުނިއިރު، ލީގު ތާވަލުގައި މިވަގުތު ކްލަބް ގްރީން ސްޓްރީޓްސް އޮތީ ކުޅުނު 13 މެޗުން އަށް ޕޮއިންޓު ހޯދައިގެން އަށްވަނައިގައެވެ. ނުވަވަނައިގައި އޮތް ވެލެންސިއާއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ގްރީން ސްޓްރީޓްސްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.