ޚަބަރު

ރޯދައަށް ސަރުކާރުން ދޭ ޔަޤީންކަން: ބޮޑެތި އާބާދީތަކަށް ހެޔޮ އަގުގައި ތަކެތި ލިބުން


  • އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ރަށްރަށަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދޭނެ

  • ގޭގައި ބޭނުން ކުރާ 162 ބާވަތުގެ މުދަލުގެ އަގު މޮނީޓަރ ކުރޭ

ކުރިއަށް އޮތް ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ. މިކަން ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ބާވަތްތައް ލިބޭނެކަން ކަށަވަރު ކުރުމަށްވެސް ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ ނުވަތަ ރައްޔިތުންގެ ވިޔަފާރި ކުންފުނި އުފެދުމުގެ އެއް ބޭނުމަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެކި ބާވަތްތައް ހެޔޮ އަގުގައި ފޯރުކޮށްދީ، ރައްޔިތުންނަށް އެތަކެތި ހެޔޮ އަގުގައި ލިބޭނެކަން ކަށަވަރު ކުރުމެވެ. ނަމަވެސް ޒަމާންތަކެއް ވަންދެން، އެސްޓީއޯ މެދުވެރިކޮށް މިމަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައިވާ ތަނެއް ނުފެނެއެވެ. ފެށުނީއްސުރެ ރާއްޖޭގައި އަސާސީ ބާވަތްތުގެ ލިސްޓުގައި އޮތީ، އެންމެ 3 ބާވަތެވެ. އެއީ، ހަނޑޫ ހަކުރު އަދި ފުށެވެ. ނަމަވެސް މިދިޔަ އަހަރު މި ލިސްޓަށް 10 ބާވަތުގެ ތަރުކާރީ، 10 ބާވަތުގެ މޭވާ އަދި އިތުރު ކާނާގެ 3 ބާވަތެއް ވަނީ އިތުރުކޮށްފައެވެ. މިއާއެކު މެދުކެނޑުމެއްނެތި ބާޒާރުން މި ބާވަތްތައް ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ރަމަޟާން މަސް ކުރިއަށް އޮތްއިރު ސަރުކާރުން ކުރަމުންދާ އެއް މަސައްކަތަކީ، އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ހެޔޮ އަގުގައި ލިބޭނެކަން ކަށަވަރު ކުރުމެވެ. ރަމަޟާން މަހާއި ހަމައަށް ދާއިރަށް މިމަސައްކަތް ނިންމާލެވޭނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

" ރާއްޖޭގެ ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގައި ޚިދުމަތްތައް ލިބޭނެ. އޭގެ އިތުރަށް 3000 އިން މަތީގެ އާބާދީތަކުގައި އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ތަކެތި ލިބޭނެ އިންތިޒާމުތައް ރޯދަ މަހުގެ ކުރިއަށް ހަމަޖައްސަން މިދަނީ މަސައްކަތް ކުރަމުން. ޖުމްލަ ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ކޮންމެވެސް ސިފައެއްގައި އެސްޓީއޯ ހުރެގެން މިތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހޭނެ. " ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ސަރުކާރުން ހަމައެކަނި ބަލަމުން ދަނީ، މި ބާވަތްތަކުގެ އަގު އެކަންޏެއް ނޫނެވެ. އަސާސީ ބާވަތްތަކުގެ އިތުރަށް ސަރުކާރުން ދަނީ، އެހެން ބައެއް ބާވަތްތަކުގެ އަގުތައްވެސް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އެއް ބޭނުމަކީ، ގޭބީސީތަކުގައި އާންމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ އަގު ކުއްލިއަކަށް ބޮޑުވެގެން ދާނަމަ އެކަމަށް ސަރުކާރުން އިސްވެ އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. މިމަސައްކަތްތަކުގެ ދަށުން ސަރުކާރުން ދަނީ، ކޮންމެ ދުވަހަކުވެސް 162 ބާވަތުގެ މުދަލުގެ އަގު މޮނީޓަރ ކުރަމުންނެވެ. ބާޒާރަށް އަންނަ ކުއްލި ލޮޅުމަކުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އިޤްތިޞާދީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން އެޅި މިފިޔަވަޅާއެކު ބައެއް ފަރާތްތަކުން ވަނީ، ސަރުކާރުން އާންމު ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ތަކެތީގެ އަގު ހިފަހައްޓާ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ޒިންމާއެއްކަން ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރައްވައެވެ.

"މިއީ ހަމަ މިނިވަން ވިޔަފާރި. ފްރީ މާކެޓެއް މިއީ. ފްރީ މާކެޓެއްގެ ހުރިހާ ސިފައެއް ހުންނާނެ. ހުރިހާ ހަރަކާތެއް ހިންގޭނެ. އެހެންނަމަވެސް ރާއްޖޭގައި 500،000 އެއްހައި މީހުން އުޅޭއިރު، ރައީސް ބޭނުންފުޅެއް ނުވޭ އަތްނުފޯރާ ފަށަށް އެއްޗެހީގެ އަގުތަށް އަރައިގެން ގޮސް، ސަރުކާރުން އެއަށް އަޅާ ނުލާ އޮންނާކަށް. " އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ކުރިއަށް މިއޮތް ރަމަޟާން މަހަކީވެސް ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ މަހަކަށް ވެގެންދާނެއެވެ. އަދި މިހާރު މިވަނީ، މިކަން ތަންފީޒު ކުރަންވެސް ފަށާފައެވެ. ކުދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، އަސާސީ ކާބޯތަކެތި ވިއްކުމުގައިވެސް ސަރުކާރުން އިސްކަންދެނީ ހޯލްސޭލް ވިޔަފާރިއަށެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ހެޔޮ އަގުގައި މުދާ ލިބޭނެކަން ކަށަވަރު ވާނެއެވެ.